އީރާނުގެ ރައީސް ނިއު ޔޯކުގައި ދަތުރު ކުރެއްވުން "މަނާ!"

ނިއު ޔޯކް (ސެޕްޓެމްބަރު 24) - އދ.ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ގައުމުތަކުގެ ވެރިން އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެން ރަސްމީ ބައްދަލުވުންތަކަށް ފަހު ލިބިވަޑައިގަންނަވާ ހުސް ވަގުތުތަކުގައި އަމިއްލަ ބޭނުންތަކަށް ތަންތަނަށް ދަތުރު ކުރެއްވުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު އީރާނުގެ ރައީސް ހަސަން ރޫހާނީ ނިއު ޔޯކުގައި ދަތުރު ކުރެއްވުން ވަނީ ލިމިޓްކޮށްފަ އެވެ.


އދ.ގައި ހުންނަ އީރާން މިޝަންގެ ސްޓާފުންނަށް އެމެރިކާ އިން ވަނީ ދަތުރު ކުރުމުގައި ދަތިތަކެއް ކުރިމަތިކޮށްފަ އެވެ. ނިއު ޔޯކަށް ވަޑައިގެންނެވި ރޫހާނީ އަށް ވެސް ވަނީ އެ ފިޔަވަޅުތައް އަޅައިފަ އެވެ. މެންހަޓަންގެ އިރުމަތީ ފަރާތުގައި ހުންނަ އދ.ގެ ހެޑްކުއާޓަރަށް ވުރެ ދުރަށް ރޫހާނީ ވަޑައިގަތުން ވަނީ މަނާކޮށްފަ އެވެ. އެހެންވެ ރޫހާނީ އަށް ހަރަކާތްތެރިވެވަޑައިގެންނެވީ ފަސްޓް އެވެނިއުގެ ވަކި ސަރަހައްދެއްގަ އެވެ.

އދ.ގެ ހެޑްކުއާޓަރުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން (ވ) އާ އީރާނުގެ ރައީސް ހަސަން ރޫހާނީ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ނިއު ޔޯކުގެ ހޮޓަލެއްގައި ހުންނެވުމަށް ރޫހާނީ އަށް އެމެރިކާ ސަރުކާރުން ވަނީ ޚާއްސަ ހުއްދައެއް ދީފަ އެވެ. ނިއު ޔޯކުގެ ބްރިޖްތައް ބޭނުން ކުރުމުގެ ހުއްދަ ރޫހާނީ އަށް ނެތުމުން އެއާޕޯޓުން ހޮޓަލަށް ވަޑައިގަންނަވަން ޖެހުނީ ޓަނަލް ބޭނުން ކުރާށެވެ.

އެމެރިކާ ގަޔާނުވާ ލީޑަރުންނަށް މީގެ ކުރިން ވެސް ވަނީ މިބާވަތުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ. އޭގެ ތެރޭގައި ކިއުބާގެ ކުރީގެ ލީޑަރު ފިޑެލް ކާސްޓްރޯ ހިމެނެ އެވެ.

ރޫހާނީ އާއި އީރާނުގެ ވަފުދު ނިއު ޔޯކަށް ދަތުރު ކުރުމަށް ވޮޝިންޓަނުން ވިސާ ދޫކުރުމުގައި ލަސްތަކެއް ކުރިމަތިކުރުމުން ވެސް ވަނީ އެމެރިކާ އަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ޖެނެރަލް އެސެމްބްލީ އަށް ވަޑައިގަންނަވާ ވެރިންނަށް އެމެރިކާ އިން އުސޫލެއްގެ ގޮތުން ވިސާ ދޭން ޖެހެ އެވެ. އެމެރިކާ އިން ވިސާ ދޫކުރުން ލަސްވުމުން، ރޫހާނީ ވަނީ ދަތުރު ކެންސަލް ކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.

އދ.ގެ ޖެނެރަލް އެސެމްބްލީގައި ރޫހާނީ ތަގްރީރު ކުރައްވާނީ ބުދަ ދުވަހު އެވެ. އެއަށް ފަހު ޕްރެސް ކޮންފަރެންސެއް ދެއްވާނެ އެވެ.