ތެހެރާން (ސެޕްޓެމްބަރު 26) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރު ކުރަމުން ދަނިކޮށް ޖުލައި މަހު އީރާނުން ހިފެހެއްޓި އިނގިރޭސި ތެޔޮ ޓޭންކަރު ސްޓެނާ އިމްޕެރޯ ދޫކޮށްލި ނަމަވެސް އެ ޓޭންކަރު ފުރުން މަނާކޮށްފައިވާ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން އައްބާސް މޫސަވީ ވިދާޅުވީ އިނގިރޭސި ވިލާތުގެ ތެޔޮ ހުރި ޓޭންކަރު ވަނީ ގާނޫނާ ޚިލާފުވެފައި ކަމަށެވެ. އެހެންވެ އެ ޓޭންކަރާ ގުޅޭ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް މޫސަވީ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ ދިދަ ނަގައިގެން ދަތުރުކުރި ނަމަވެސް ޓޭންކަރުގެ އަސްލު ވެރިފަރާތަކީ ސްވިޑަންގެ ސްޓެނޯ ބަލްކް ކުންފުންޏެވެ. އެ ކުންފުނިން ބުނީ ޓޭންކަރާ ދެކޮޅަށް ރަސްމީކޮށް މައްސަލައެއް ބަލަމުންދާކަން އެނގިފައި ނުވާ ކަމަށެވެ.

ޓޭންކަރާ ގުޅޭ ގާނޫނީ ހުރިހާ ކަމެއް ނިމިފައިވާތީ ޓޭންކަރު ފުރިއަސް މައްސަލައެއް ނެތް ކަމަށް އީރާނުގެ ޕޯޓްސް އެންޑް މެރިޓައިމް އޮގަނައިޒޭޝަނުން ހޯމަ ދުވަހު ވަނީ ބުނެފަ އެވެ. އެކަމަކު ސްޓެނޯ ބަލްކް ކުންފުނިން ބުނީ އީރާނުން އެހެން ބުނި ނަމަވެސް ޓޭންކަރު އަދިވެސް އޮތީ ބަންދަރު އައްބާސްގައި އެންކާކޮށްފައި ކަމަށެވެ.

މޫސަވީ އިއްޔެ ވިދާޅުވީ ޓޭންކަރު ހިފަހައްޓާފައި ބާއްވަން ނެރުނު އަމުރު މިހާރު ނެތް ކަމަށާއި އެކަމަކު އެ ޓޭންކަރުން ގަވާއިދާޚިލާފުވި މަައްސަލަ ބަލަމުންދާ ކަމަށެވެ.

ސްވިޑަންގައި ރަޖިސްޓްރީކޮށްފައިވާ އިނގިރޭސި ވިލާތުގެ ތެޔޮ ހުރި ޓޭންކަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުން ދަނިކޮށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އަރާ ޓޭންކަރުގެ 23 ފަޅުވެރިންނާ އެކު ހިފެހެއްޓީ ޖުލައި 19 ވަނަ ދުވަހު އެވެ. އީރާނުން މި މަހު ކުރީކޮޅު ވަނީ އެ ޓޭންކަރުގެ ހަތް ފަޅުވެރިއަކު ދޫކޮށްލައިފަ އެވެ. ދޫކޮށްލީ އިންޑިއާގެ ފަސް ފަޅުވެރިންނާއި ލެޓްވިއާ މީހަކާއި ރަޝިޔާ ފަޅުވެރިއެކެވެ.

އީރާނުން ބުނެފައި ވަނީ އެ ޓޭންކަރު ހިފެހެއްޓީ ކަނޑުދަތުރުފަތުރު ކުރުމާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުމުން ކަމަށެވެ. އެކަމަކު އެ ޓޭންކަރު ހިފެހެއްޓީ އީރާނުގެ ތެޔޮ ހުރި ޓޭންކަރަކަށް ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން އަރާ ހިފެހެއްޓިތާ ދެ ހަފުތާ ފަހުންނެވެ.

އިނގިރޭސި ވިލާތުން ބުނެފައި ވަނީ ގްރޭސް 1ގެ ނަންދީފައިވާ ޓޭންކަރު ހިފެހެއްޓީ، ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް، ސީރިއާ އަށް ތެޔޮ އުފުލާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. ނަމަވެސް ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ހުއްދަ ދިނުމުން އެ ޓޭންކަރު ވަނީ އެ ގައުމުން ފުރައިފަ އެވެ. އޮގަސްޓް 15 ވަނަ ދުވަހު ޓޭންކަރު ފުރިއިރު ވަނީ އެޑްރިއަން ޑަރިއާ 1 ގެ ނަމަށް ބަދަލުކޮށްފަ އެވެ. އީރާނުން އޭރު ބުނެފައި ވަނީ ޓޭންކަރުގައި ހުރި 2.1 މިލިއަން ފީފާ ތެޔޮ ވިއްކާލާފައިވާ ކަމަށެވެ.