ކަނޑުފޭރިގެން އީރާނުގެ ދެ ތެޔޮ ޓޭންކަރު އަތުލައިގަންނަން އުޅުނު ބަޔަކަށް އީރާންގެ ކަނޑުގެ ސިފައިން ހުރަސް އަޅައި ފައްސާލާފައިވާ ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުން ބުނި ގޮތުގައި އެ ގައުމުގެ ދެ ތެޔޮ ޓޭންކަރު އަތުލައިގަންނަން މަސައްކަތް ކުރީ، ފަސް ސްޕީޑް ބޯޓުގައި އައި ކަނޑު ފޭރޭ ބައެކެވެ. އެމީހުން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީ ކަނޑުފޭރެން އުޅުނީ، އަދަން ކަނޑުއޮޅި ކައިރިންނެވެ.
އަދަން ކަނޑުއޮޅިއަކީ ރަތް ކަނޑުގެ ތެރެއިން އަރަބި ކަނޑުގެ ތެރެއަށް ނުކުމެވޭ ތަނުގައި، ޔަމަންގެ ދެކުނުން ސޯމާލިއާގެ އުތުރުން އޮންނަ ކަނޑުގެ ސަރަހައްދެވެ.
އީރާން ކަނޑުގެ ސިފައިންގެ ކޮމާންޑަރު ޝާހްރާމް އީރާނީ ވިދާޅުވި ގޮތުގައި މިއީ، ކަނޑު ދަތުރުފަތުރާ ދެކޮޅަށް ހިންގި ޓެރަރިޒަމްގެ އަމަލެކެވެ. އޭނާ ވިދާޅުވި ގޮތުގައި ކަނޑުފޭރޭ މީހުންގެ އުޅަނދުތަކަށް ހުރަސްއެޅީ، ދެ ތެޔޮ ޓޭންކަރާ އެކުގައި ދަތުރުކުރި، އީރާނުގެ ކަނޑުގެ ސިފައިންގެ އަސްކަރީ އުޅަނދުތަކެވެ.
"އަހަރެމެންގެ ކޮމާންޑޯ ސިފައިން ދިން ރައްދު ހަމަލާތަކުގެ ސަބަބުން، ކަނޑުފޭރޭ މީހުންނަށް މަޖުބޫރުވީ އެ ސަރަހައްދު ދޫކޮށް ދާން. އަހަރެމެންގެ ކޮމާންޑޯއިންގެ ބެލުމުގެ ދަށުން އެ ދެ ޓޭންކަރު މިހާރު ވަނީ އެ ސަރަހައްދުން އަމާންކޮށް ބައިނަލްއަގުވާމީ ކަނޑުގެ ތެރެއަށް ނުކުމެފައި،" އީރާންގެ ކޮމާންޑަރު ވިދާޅުވި އެވެ.
އީރާނުން ތެޔޮ ހިފައިގެން ދަތުރުކުރާ އެ ގައުމުގެ ކަނޑު ބޯޓުތަކަށް ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ހަމަލާތައް ކުރިމަތިވާން ފެށުމުން، ތެޔޮ ޓޭންކަރުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އީރާންގެ ކަނޑުގެ ސިފައިން ކުރަމުން އަންނަތާ މިހާރު ދެތިން އަހަރުވެއްޖެ އެވެ.
އީރާންގައި އަމިއްލައަށް ބަނދެފައިވާ ދެ މަނަވަރު، މަކްރާން އާއި ސަހަންދު ވަނީ، ހަތަރު މަސްދުވަހުގެ ދަތުރެއްގައި އީރާނުން ފުރައިފަ އެވެ. އީރާންގެ މަނަވަރެއް އެޓްލާންޓިކް ކަނޑުގެ ތެރެއިން ކުރި އެދަތުރާ ގުޅިގެން އެމެރިކާގެ ކަނޑުގެ ސިފައިން ދިޔައީ ވަރަށް ގާތުން ބަލައި ފާރަލަމުންނެވެ. އެމެރިކާ އިން ލަފާކުރި ގޮތުގައި އެ ދެ މަނަވަރު އެޓްލާންޓިކް ކަނޑުގެ ތެރެއިން ދަތުރުކުރަމުން ދިޔައީ ވެނެޒުއޭލާ އަށެވެ.
ނަމަވެސް ރަޝިޔާގެ ސެންޓް ޕީޓަސްބާގަށް ބަނދަރުކޮށް، އަސްކަރީ ފަރިތަކުރުންތަކެއްގައި ބައިވެރިވުމަށް ފަހު، އެނބުރި ހޮރްމުޒް ކަނޑުއޮޅި ތެރެއިން ލާފައި، އީރާންގެ ބަނދަރު އައްބާސް އަށް ލެފީ މިދިޔަ މަހުގެ ތެރޭގަ އެވެ.