ބޭރޫތު (ނޮވެމްބަރު 6) - ލުބުނާނުގައި މުޒާހަރާ އަށް ނުކުތް މީހުން ވެރިރަށް ބޭރޫތުގައި ހުރި ސަރުކާރުގެ މުއައްސަސާތައް މިއަދު ހިސާރުކޮށްފި އެވެ.

ސަރުކާރާ ދެކޮޅު މުޒާހަރާތައް ހަތަރު ވަނަ ހަފުތާ އަށް ދިގުދެމިގެން ދިޔަ އިރު ރައްޔިތުން ޑިމާންޑް ކުރަމުން ދަނީ ލުބުނާނުގެ ވެރިން އިސްތިއުފާދީ ސިޔާސީ ނިޒާމް މުޅިން ބަދަލު ކުރުމަށެވެ.

މުޒާހަރާ އަށް މިއަދު ނުކުތް މީހުން އެންމެ ފުރަތަމަ ހިސާރު ކުރީ ޖަސްޓިސް މިނިސްޓްރީ އެވެ. އޭގެ ފަހުން ވަނީ އެނާޖީ، ފޮރިން އެފެއާޒް، ފިނޭންސް، ޓޫރިޒަމް، ކޮމިއުނިކޭޝަން މިނިސްޓްރީ ހިސާރުކޮށްފަ އެވެ. އެ މީހުން ބޭނުން ވަނީ އާ ސަރުކާރެއް އުފައްދާނެ ތާރީޚެއް ސާފު ކުރުމަށެވެ.

މުޒާހަރާތައް ކޮންޓްރޯލުން ނެއްޓުމުން މިދިޔަ ހަފުތާގައި ވަނީ ބޮޑު ވަޒީރު ސައިދު ހަރީރީ އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަކު އާ ބޮޑު ވަޒީރެއް ހަމަޖެހެންދެން ވަގުތީ ގޮތުން ސަރުކާރު ހިންގަނީ ހަރީރީ އެވެ. ނަމަވެސް މުޒާހަރާ ކުރާ މީހުން ގޮވާލަމުން ދަނީ ހަރީރީގެ ވަގުތީ ކެބިނެޓް އިސްތިއުފާދީ، ވަކި ފަރާތަކަށް ނުޖެހޭ ތަޖްރިބާކާރުންގެ ޓީމަކުން ކެބިނެޓާ ހަވާލުވުމަށެވެ.

ލުބުނާނުގައި މުޒާހަރާތައް އެންމެ ފުރަތަމަ ފެށީ ވަޓްސްއަޕް ކޯލްތަކުން ޓެކްސް ނަގަން އުޅޭތީ އެކަމާ ދެކޮޅަށެވެ. ސަރުކާރުގެ އެ ނިންމުން ބަދަލުކުރި ނަމަވެސް ފަހުން ވަނީ މުޒާހަރާތައް ވަރުގަދަވެ ގައުމުގެ އިގްތިސާދީ އަދި ސިޔާސީ މީހުންގެ ކޮރަޕްޝަނުގެ މައްސަލަތަކަށް ފޯކަސް ކުރަން ފަށައިފަ އެވެ.