ހޮން ކޮންގް (ނޮވެމްބަރު 19) - ފުލުހުން ހިސާރުކޮށްފައިވާ ހޮން ކޮންގެ ޕޮލިޓެކްނިކް ޔުނިވާސިޓީ ކެމްޕަހުން ނުކުންނަން އުޅުނު ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި އެވެ.
ގަދަ ބާރުން ނުކުންނަން އުޅުނު 100 ވަރަކަށް މީހުންގެ ގަޔަށް ފުލުހުން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ޖަހައިފަ އެވެ. ހޮން ކޮންގް ހޮސްޕިޓަލް އޮތޯރިޓީން ބުނެފައި ވަނީ ޒަޚަމްވެގެން 116 މީހުންނަށް ފަރުވާދޭން ޖެހުނު ކަމަށެވެ.
ހޮން ކޮން ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި މިދިޔަ ހަފުތާގައި ޔުނިވާސިޓީ ކެމްޕަސް ފެނުނީ ހަމަނުޖެހުމުގެ މައިދާނެއްގެ ގޮތުގަ އެވެ.
މުޒާހަރާ ކުރާ ގިނަ ބަޔަކު ޔުނިވާސިޓީ ކެމްޕަހުގައި ތިބި އިރު ފުލުހުން ދަނީ ޔުނިވާސިޓީ ބޭރުން ގާޑް ކުރަމުންނެވެ. ފުލުހުން އެދެމުން ދަނީ އެތެރޭގައި ތިބި މީހުން އަމާންދީ ހަތިޔާރު ބެހެއްޓުމަށެވެ. ނަމަވެސް ޔުނިވާސިޓީގައި ތިބި މީހުން ދަނީ އަމާން ދޭން ދެކޮޅު ހަދަމުންނެވެ. ފުލުހުން ބުނީ މުޒާހަރާ ކުރާ މީހުން ވަނީ ޔުނިވާސިޓީ ކައިރީގައިވާ މަގަކަށް ޕެޓްރޯލް ބޮން އުކައި ޓްރެފިކް ހުއްޓުވަން މަސައްކަތް ކޮށްފައި ކަމަށެވެ.
ހޮން ކޮންގުގައި ޖޫން މަހު މުޒާހަރާތައް ފެށީ ކުށްވެރިން ޗައިނާއާ ހަވާލު ކުރަން ފާސްކުރަން އުޅުނު ބިލަކާ ގުޅިގެންނެވެ. އެ ބިލް އަނބުރާ ގެންދިޔަ ނަމަވެސް މުޒާހަރާތައް ވަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަކޮށްފަ އެވެ.