ހޮން ކޮން (ނޮވެމްބަރު 30) - ހޮން ކޮންގައި މުޒާހަރާ ކުރި މީހުން ހިސާރުކޮށްގެން އުޅުނު ޕޮލިޓެކްނިކް ޔުނިވާސިޓީ ކެމްޕަހުން ގާތްގަނޑަކަށް 4،000 ޕެޓްރޯލް ބޮން ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މުޒާހަރާ ކުރި މީހުންނާ ފުލުހުން ކުރިމަތިލައި، ކެމްޕަސް ސާފުކުރުމަށް ފަހު މިހާރު ވަނީ ޔުނިވާސިޓީއާ ހަވާލުކޮށްފަ އެވެ. ފުލުހުން ބުނީ ކެމްޕަހުން 3،989 ޕެޓްރޯލް ބޮމާއި 1،339 ގޮވާ ޒާތުގެ އައިޓަމާއި 601 ކެމިކަލް ފުޅި އަދި 573 ހަތިޔާރު ހޯދާފައިވާ ކަމަށެވެ.

މުޒާހަރާ ކުރާ މީހުން މީގެ ދެހަފުތާއެހާ ދުވަސްކުރިން ޔުނިވާސިޓީ ކެމްޕަހަށް ވަނުމުން ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށް އެ މީހުންނަށް ނުނިކުމެވޭ ގޮތް ހަދައިފަ އެވެ. ކެމްޕަހުގައި މުޒާހަރާގެ ބައިވެރިން ތިބި އިރު ޕެޓްރޯލް ބޮމާއި އެޅި ގަލުންނާއި ތީރުފަދަ ތަކެތިން ފުލުހުންނަށް ހަމަލާދީފައިވެ އެވެ. ފުލުހުން ބުނީ މުޒާހަރާގެ ބައިވެރިން ފަހުން ވަނީ އެ މީހުން އަމިއްލަ އަށް އަމާންދޭން ފަށާފައި ކަމަށެވެ.

ޔުނިވާސިޓީ މުޒާހަރާއާ ގުޅިގެން 1،377 މީހުން ހައްޔަރުކުރި އެވެ. ކެމްޕަހުން ފިލަން އުޅެނިކޮށް 810 މީހުން ހައްޔަރުކުރި އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 318 ކުދިން ހިިމެނެ އެވެ.

ހޮން ކޮންގައި ޖޫން މަހު މުޒާހަރާތައް ފަށާފައި ވަނީ ކުށްވެރިން ޗައިނާއާ ހަވާލު ކުރުމުގެ ބިލާ ދެކޮޅަށެވެ. ސަރުކާރުން މިހާރު ވަނީ އެ ބިލު އަނބުރާ ގެންގޮސްފަ އެވެ.