ކޮލަމްބޯ (ޑިސެމްބަރު 9) - ކަނޑު ހިއްކައިގެން ހެދި ކޮލަމްބޯ ޕޯޓް ސިޓީ ސްރީ ލަންކާގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖެއްސިކަން ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާ އިއުލާން ކުރައްވައިފި އެވެ.
ލަންކާގެ ޗާޓަށް 269 ހެކްޓަރު އިތުރުވިކަން އިއުލާން ކުރަން ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ޗެންގް ޝެއެޔުއާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި ވަނީ ކޮލަމްބޯ ޕޯޓް ސިޓީ އިންވެސްޓަރުންނަށް ނުރަސްމީކޮށް ހުޅުވާލައިފަ އެވެ.
ސެޕްޓެމްބަރު 17، 2014 ގައި ކޮލަބޯ ޕޯޓް ސިޓީގެ ބިންގާ އަޅުއްވައިދެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ލަންކާގެ އޭރުގެ ރައީސް މަހިންދާ ރާޖަޕަކްސާ އެވެ. ކޮލަމްބޯ ޕޯޓާއި ގޯލް ފޭސްއާ ދެމެދު ހެދި 1.5 ބިލިއަން ޑޮލަރުގެ ޕޯޓް ސިޓީ ޕްރޮޖެކްޓް ނިމުމުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރި ހަބަކަށް ލަންކާ ބަދަލުވާނެ ކަމަށް ކުރީގެ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ތަނުގައި ކުރިމަގުގައި 75،000 މީހުން ދިރިއުޅޭނެ ކަމަށާއި އެ ސިޓީ އަށް ދުވާލަކު 200،000 މީހުން ވަދެ ނުކުމެ ހަދާނެ ކަމަށް ބުނެފައިވެ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ވެރިކަމަށް އައި މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރުން ވަނީ ޕޯޓް ސިޓީ ޕްރޮޖެޓް ވަގުތީ ގޮތުން ހުއްޓުވައިފަ އެވެ. ފަހުން އެ މަޝްރޫއު ފެށީ އެއްބަސްވުމަށް ބަދަލުތައް ގެނެސްފަ އެވެ. ފުރަތަމަ ހިއްކަން ހަމަޖެއްސީ 233 ހެކްޓަރެވެ. ނަމަވެސް ފަހުން 269 ހެކްޓަރު ((664 އޭކަރު) އަށް ވަނީ ބަދަލުކޮށްފަ އެވެ. އާ އެއްބަސްވުމުގެ ދަށުން 116 ހެކްޓަރު ވަނީ 99 އަހަރަށް ޗައިނާ އަށް ދޭން އެއްބަސްވެފަ އެވެ. ކުރިން އޮތީ 20 ހެކްޓަރު ޗައިނާ އަށް މިލްކުކޮށްދޭ ގޮތަށެވެ.
ޗައިނާ އަށް ދެނީ ޕޯޓް ސިޓީގައި އިމާރާތްކުރަން ހަމަޖައްސާފައިވާ 178 ހެކްޓަރުގެ ބިމުންނެވެ. އެ ބިމުން ލަންކާ އަށް ބޭނުން ކުރެވޭނީ 62 ހެކްޓަރެވެ.
ކޮލަމްބޯ ޕޯޓް ސިޓީގެ ފުރަތަމަ ފިޔަވަހީގައި އޮތީ ބިން ހިއްކުމެވެ. އެ މަސައްކަތް މި އަހަރުގެ ޖެނުއަރީ މަހު ވަނީ ނިންމައިފަ އެވެ. ދެ ވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ. އެ ފިޔަވަހީގެ ދަށުން ކުރިއަށްދާނީ ހައިވޭތަކާއި ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުން ފަދަ އަސާސީ ކަންކަން ގާއިމްކުރުމެވެ. އަދި ޕޯޓް ސިޓީން ބިން ދޫކުރުން ވެސް މިއަދު ވަނީ ހުޅުވާލައިފަ އެވެ.
ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސިޓީ ނުވަތަ ކޮލަމްބޯ ޕޯޓް ސިޓީ މަޝްރޫއު ކުރިއަށް ގެންދިޔައީ ބެއިޖިންގެ "ބެލްޓް އެންޑް ރޯޑް" އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުގެ ދަށުންނެވެ.
ކޮލަމްބޯ އާއި ޕޯޓް ސިޓީ ގުޅާލާނީ ލައިޓް ރެއިލް ޓްރާންސްޕޯޓް ސިސްޓަމަކުންނެވެ. ޕޯޓް ސިޓީގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި ސްކޫލްތަކާއި ބޭންކްތަކާއި ޝޮޕިން މޯލްތަކާއި މެރީނާ އަދި ޕާކްތަކާއި ޕަބްލިކް ބީޗްތައް ވެސް ހަދާނެ އެވެ. ޕޯޓް ސިޓީ ނިމުމުން އެތަން އޮޕަރޭޓް ކުރާނީ ވަކި އެންޓިޓީއެއްގެ ގޮތުގަ އެވެ. ޕޯޓް ސިޓީގައި ވިޔަފާރި ހިންގަން ފަހިވާ ގޮތަށް އެ ސިޓީ އަށް ވަކި އިގްތިސާދީ އަދި ކޮމާޝަލް ގާނޫނުތަކެއް ހަމަޖައްސާނެ އެވެ.
ޕޯޓް ސިޓީ ހިއްކި ޗައިނާ ސަރުކާރުގެ ކުންފުނި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީީ) އިން ބުނީ ޕޯޓް ސިޓީ ޕްރޮޖެކްޓް އިން 83،000 ވަޒީފާ އުފެދި 13 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް ލަންކާ އަށް ލިބޭނެ ކަމަށެވެ.
ރާޖަޕަކްސާ ވެރިކަމުގައި ޗައިނާގެ އެހީގައި ހެދި 1.4 ބިލިއަން ޑޮލަރުގެ ހަމްބަންޓޯޓާ ބަނދަރު ޑިސެމްބަރު 2017 ގައި ވަނީ 99 އަހަރަށް ޗައިނާ އަށް ދީފަ އެވެ. އެ ބަނދަރު ދޭން ޖެހުނީ ޗައިނާ އިން ނެގި ލޯނުތައް ދައްކަން ދަތިވުމުންނެވެ.