ލަންކާގެ އުއްމީދީ ޕޯޓް ސިޓީ ހިއްކާ ނިމިއްޖެ

ކޮލަމްބޯ (ޖެނުއަރީ 18) - ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ ބަނދަރާ ޖެހިގެން ކަނޑު ހިއްކައިގެން ހަދާ ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސިޓީ ނުވަތަ ކޮލަމްބޯ ޕޯޓް ސިޓީ އަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމައިފި އެވެ.


ޗައިނާގެ އެހީގައި ހިންގި 1.4 ބިލިއަން ޑޮލަރުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ބެއިޖިންގެ "ބެލްޓް އެންޑް ރޯޑް" އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުގެ ދަށުންނެވެ.

"ކޮލަމްބޯ ޕޯޓް ސިޓީ އަކީ ވަން ބެލްޓް، ވަން ރޯޑް އިނިޝިއޭޓިވްގެ ދަށުން ލަންކާގައި ހިންގާ މުހިންމު މަޝްރޫއެއް. ލަންކާ އަކީ ޗައިނާގެ މެރިޓައިމް ސިލްކް ރޫޓުގައި މުހިންމު ގައުމެއް،" ބިން ހިއްކުން ނިމުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަފީރު ޗެންގް ޒުއެޔުއަން ވިދާޅުވި އެވެ. "ބައިނަލްއަގުވާމީ މަޝްރަހު ކޮންމެ ގޮތަކަށް ބަދަލުވި ނަމަވެސް ޗައިނާ-ސްރީ ލަންކާގެ ގުޅުން ކުރިއަށް ގެންދަން ބެއިޖިން އިން ވަރަށް ބޮޑު ސަމާލު ކަމެއް ދެން."

ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓުގެ އެެއްބަސްވުމުގެ ދަށުން ހިއްކި 269 ހެކްޓަރު (664 އޭކަރު) ގެ ތިންބައިކުޅަ ދެބައި 99 އަހަރަށް ޗައިނާ އަށް ދޭން ޖެހެ އެވެ.

ޕްރޮޖެކްޓާ ހަވާލުވެވަޑައިގެން ހުންނެވި ލަންކާގެ މިނިސްޓަރު ޕަޓަލި ޗަމްޕިކާ ވިދާޅުވީ ޕޯޓް ސިޓީ އަކީ ލަންކާގެ ސިޔާދަތަށް އަދި އިންޑިއާގެ ސަލާމަތަށް ވެސް ބިރަކަށް ނުވާނެ ކަމަށެވެ.

ޗައިނާގެ ބޮޑު ވަޒީރު ޝީ ޖިންޕިން 2014 ވަނަ އަހަރު ލަންކާ އަށް ކުރެއްވި ޒިޔާރަތުގައި ފައްޓަވައި ދެއްވި ކޮލަމްބޯ ޕޯޓް ސިޓީ ޕްރޮޖެކްޓް ނިމުމުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރި ހަބަކަށް ލަންކާ ބަދަލުވާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ވިދާޅުވެފަ އެވެ. އަދި އެ ތަނުގައި ކުރިމަގުގައި 75،000 މީހުން ދިރިއުޅޭނެ ކަމަށާއި އެ ސިޓީ އަށް ދުވާލަކު 200،000 މީހުން ވަދެ ނުކުމެ ހަދާނެ ކަމަށް ރަނިލް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވެފައި ވަނީ ޕޯޓް ސިޓީގައި ވަރަށް ގިނަ ފެސިލިޓީޒް ގާއިމްކުރާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ލަންކާގެ އިިގްތިސާދަށް ބޮޑު ދިރުމެއް ލިބޭނެ ކަމަށެވެ. މަޝްރޫއު ނިމޭއިރު ސޯލާ އަދި ވިންޑް ޕަވާ ސިސްޓަމްތައް ގާއިމްކޮށް، ރިސައިކްލިން ޕްލާންޓްތައް ގާއިމް ކުރާނެ އެވެ. ކޮލަމްބޯ އާއި ޕޯޓް ސިޓީ ގުޅާލާނީ ލައިޓް ރެއިލް ޓްރާންސްޕޯޓް ސިސްޓަމަކުންނެވެ. ޕޯޓް ސިޓީގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި ސްކޫލްތަކާއި ބޭންކްތަކާއި ޝޮޕިން މޯލްތަކާއި މެރީނާ އަދި ޕާކްތަކާއި ޕަބްލިކް ބީޗްތައް ވެސް ހަދާނެ އެވެ. ޕޯޓް ސިޓީ ނިމުމުން އެތަން އޮޕަރޭޓް ކުރާނީ ވަކި އެންޓިޓީއެއްގެ ގޮތުގަ އެވެ. ޕޯޓް ސިޓީގައި ވިޔަފާރި ހިންގަން ފަހިވާ ގޮތަށް އެ ސިޓީ އަށް ވަކި އިގްތިސާދީ އަދި ކޮމާޝަލް ގާނޫނުތަކެއް ހަމަޖައްސާނެ އެވެ.

ޕޯޓް ސިޓީ ހިއްކި ޗައިނާ ސަރުކާރުގެ ކުންފުނި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީީ) އިން ބުނީ ޕޯޓް ސިޓީ ޕްރޮޖެކްޓް އިން 83،000 ވަޒީފާ އުފެދި 13 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް ލަންކާ އަށް ލިބޭނެ ކަމަށެވެ.

ކޮލަމްބޯ ބަނދަރާ ޖެހިގެން ޗައިނާގެ 1.4 ބިލިއަން ޑޮލަރުގެ އެހީގައި ހެދި ޕޯޓް ސިޓީގައި މަސައްކަތު މީހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ޚިޔާލު ތަފާތުވުން ބޮޑުވި ޕޯޓް ސިޓީ ޕްރޮޖެކްޓް 2014 ވަނަ އަހަރު، ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި ފެށި ނަމަވެސް ޖެހިގެން އައި އަހަރު ލަންކާގެ ވެރިކަމަށް އައި މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރުން ވަނީ އެ ޕްރޮޖެކްޓް ހުއްޓުވައިފަ އެވެ. އެކަމަކު ސަރުކާރާ އެކު އާ އެއްބަސްވުމަކަށް އައިސް ޗައިނާ ސަރުކާރުގެ ސީސީސީސީީ އިން އަލުން މަސައްކަތް ފެށީ އޮގަސޓް 2016 ގަ އެވެ. ޗައިނާ އަށް ބިން މިލްކު ކުރެވޭ ގޮތަށް ކުރިން އޮތް ނަމަވެސް މިހާރު ވަނީ ހިއްކާ ބިން 99 އަހަރަށް ކުއްޔަށް ދެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.

ރާޖަޕަކްސާ ވެރިކަމުގައި ޗައިނާގެ އެހީގައި ހެދި 1.4 ބިލިއަން ޑޮލަރުގެ ހަމްބަންޓޯޓާ ބަނދަރު ޑިސެމްބަރު 2017 ގައި ވަނީ 99 އަހަރަށް ޗައިނާ އަށް ދީފަ އެވެ. އެ ބަނދަރު ދޭން ޖެހުނީ ޗައިނާ އިން ނެގި ލޯނުތައް ދައްކަން ދަތިވުމުންނެވެ.