ކޮލަމްބޯ (އެޕްރީލް 18) - ކޮލަމްބޯ ޕޯޓް ސިޓީގައި ޗައިނާ ފުލުހުންގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ސްރީ ލަންކާ ސަރުކާރުން ބުނެފި އެވެ.
ސްޓޭޓް މިނިސްޓަ ފޯ މަނީ އެންޑް ކެޕިޓަލް މާކެޓް އެންޑް ސްޓޭޓް އެންޓަޕްރައިސް ރިފޯމްސް އަޖިތު ނިވާޑް ކަބްރާލް ވިދާޅުވީ ޕޯޓް ސިޓީގައި ގާނޫނު ތަންފީޒް ކުރުމުގެ ހުރިހާ ބާރެއް އޮންނަނީ ލަންކާ ފުލުހުންނަށް ކަމަށެވެ. ޕޯޓް ސިޓީގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ލަންކާ ސަރުކާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮލަމްބޯ ޕޯޓް ސިޓީ އަކީ ޗައިނާގެ ތަނެއް ކަމަށް ދެކެވޭ ވާހަކަތައް ވެސް ސްޓޭޓް މިނިސްޓަރު ވަނީ ދޮގު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ޕާލަމެންޓަށް މިހާރު ހުށަހަޅާފައިވާ ޕޯޓް ސިޓީ އިކޮނޮމިކް ކޮމިޝަން ބިލް ފާސްވުމުން ޕޯޓް ސިޓީ މެނޭޖްކުރާނީ ރައީސް އައްޔަން ކުރާ ކޮމިޝަނަކުން ކަމަށެވެ.
ޕޯޓް ސިޓީ ކޮމިޝަން ބިލާ ދެކޮޅަށް ވަރަށް ގިނަ ޕެޓިޝަންތައް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އިދިކޮޅު ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން ވަނީ ދެ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. ޔޫއެންޕީން ބުނެފައި ވަނީ ޕޯޓް ސިޓީ ބިލަކީ ގާނޫނު އަސާސީގެ 3 އަދި 4 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. ބާ އެސޯސިއޭޝަން އާއި ސެންޓަ ފޯ ޕޮލިސީ އޯލްޓަނޭޓިވްސް (ސީޕީއޭ) އިން ވެސް ވަނީ ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހަޅައިފަ އެވެ.
ޕޯޓް ސިޓީ ބިލުގައިވާ ގޮތުން، ޓެކްސް ދައްކަން ނުޖެހޭ ގޮތަށް މުސާރަ ދިނުމާއި އޯފްޝޯ ފައިނޭންޝަލް ސެންޓަރުތައް ހެދުން އަދި ޓެކްސް މާފުކޮށްދިނުން ފަދަ އެތައް ކަމެއް ހިމެނެ އެވެ. އޭގެ ތެރޭގައި ޕޯޓް ހިންގާ އެޖެންސީން ބޭނުންވާ ނަމަ 40 އަހަރު ދުވަހަށް ޓެކްސް މާފުކޮށްދިނުމުގެ ބާރު ވެސް އޮވެ އެވެ.
ޗައިނާގެ ރިއަލް-އެސްޓޭޓް މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ބެލެވޭ ޕޯޓް ސިޓީ އިންވެސްޓަރުންނަށް ހުޅުވާލާއިރު ޓެކްސް އަށް ބޮޑެތި ލުއިތަކެއް ދޭނެ ކަމަށް ސަރުކާރުން ކުރިން ވެސް ބުނެފައިވެ އެވެ. ކޮލަމްބޯ ޕޯޓާއި ގޯލް ފޭސްއާ ދެމެދު ހެދި 1.5 ބިލިއަން ޑޮލަރުގެ ޕޯޓް ސިޓީ ޕްރޮޖެކްޓް ނިމުމުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރި ހަބަކަށް ލަންކާ ބަދަލުވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ތަނުގައި ކުރިމަގުގައި 75،000 މީހުން ދިރިއުޅޭނެ ކަމަށާއި އެ ސިޓީ އަށް ދުވާލަކު 200،000 މީހުން ވަދެ ނުކުމެ ހަދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ސެޕްޓެމްބަރު 17، 2014 ގައި ފެށި މަޝްރޫއު ހިއްކާ ނިމުނުއިރު ލަންކާގެ މިހާރުގެ ފައިނޭންޝަލް ޑިސްޓްރިކްޓަށް ވުރެ ދެ ގުނަ ބޮޑެވެ.
ޕޯޓް ސިޓީން ފުރަތަމަ ހިއްކަން ހަމަޖެއްސީ 233 ހެކްޓަރެވެ. ނަމަވެސް ފަހުން 269 ހެކްޓަރު ((664 އޭކަރު) އަށް ވަނީ ބަދަލުކޮށްފަ އެވެ. ކުރީގެ އެއްބަސްވުމަށް ބަދަލު ގެނެސް 116 ހެކްޓަރު ވަނީ 99 އަހަރަށް ޗައިނާ އަށް ދޭން އެއްބަސްވެފަ އެވެ. ކުރިން އޮތީ 20 ހެކްޓަރު ޗައިނާ އަށް މިލްކުކޮށްދޭ ގޮތަށެވެ. ޗައިނާ އަށް ދެނީ ޕޯޓް ސިޓީގައި އިމާރާތްކުރަން ހަމަޖައްސާފައިވާ 178 ހެކްޓަރުގެ ބިމުންނެވެ. އެ ބިމުން ލަންކާ އަށް ބޭނުން ކުރެވޭނީ 62 ހެކްޓަރެވެ.
ކޮލަމްބޯ އިންޓަނޭޝަނަލް ފައިނޭންޝަލް ސިޓީ ނުވަތަ ކޮލަމްބޯ ޕޯޓް ސިޓީ މަޝްރޫއު ކުރިއަށް ގެންދިޔައީ ބެއިޖިންގެ "ބެލްޓް އެންޑް ރޯޑް" އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުގެ ދަށުންނެވެ.
ޕޯޓް ސިޓީގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި ސްކޫލްތަކާއި ބޭންކްތަކާއި ޝޮޕިން މޯލްތަކާއި މެރީނާ އަދި ޕާކްތަކާއި ޕަބްލިކް ބީޗްތައް ވެސް ހަދާނެ އެވެ. ޕޯޓް ސިޓީ ނިމުމުން އެތަން އޮޕަރޭޓް ކުރާނީ ވަކި އެންޓިޓީއެއްގެ ގޮތުގަ އެވެ. ޕޯޓް ސިޓީގައި ވިޔަފާރި ހިންގަން ފަހިވާ ގޮތަށް އެ ސިޓީ އަށް ވަކި އިގްތިސާދީ އަދި ކޮމާޝަލް ގާނޫނުތަކެއް ހަމަޖައްސާނެ އެވެ.
ޕޯޓް ސިޓީ ހިއްކި ޗައިނާ ސަރުކާރުގެ ކުންފުނި، ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީީ) އިން ބުނީ ޕޯޓް ސިޓީ ޕްރޮޖެކްޓް އިން 83،000 ވަޒީފާ އުފެދި 13 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް ލަންކާ އަށް ލިބޭނެ ކަމަށެވެ.
މިހާރުގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ ކުރީގެ ވެރިކަމުގައި ޗައިނާގެ އެހީގައި ހެދި 1.4 ބިލިއަން ޑޮލަރުގެ ހަމްބަންޓޯޓާ ބަނދަރު ޑިސެމްބަރު 2017 ގައި ވަނީ 99 އަހަރަށް ޗައިނާ އަށް ދީފަ އެވެ. އެ ބަނދަރު ދޭން ޖެހުނީ ޗައިނާ އިން ނެގި ލޯނުތައް ދައްކަން ދަތިވުމުންނެވެ.