ސްރީ ލަންކާގައި ހުންނަ ސްވިޒަލެންޑްގެ އެމްބަސީގައި މަސައްކަތްކުރާ ސްރީ ލަންކާގެ އަންހެން މުވައްޒަފަކު ކުރި ތުހުމަތުތަކާ ގުޅިގެން އެންމެ ފަހުން އިއްޔެ އޭނާ ހައްޔަރުކޮށްފި އެވެ.

އަންހެންމީހާ ކުރިން ބުނެފައި ވަނީ ބަޔަކު އޭނާ ކިޑްނެޕްކޮށް، ޖިންސީ ގޯނާާކުރުމުގެ އިތުރުން އެމްބަސީގެ ސިއްރު މައުލޫމާތު ދޭން މަޖުބޫރުކުރި ކަމަށެވެ.

ސްރީ ލަންކާގެ ރަސްމީ ފަރާތްތަކުން އެ ވާހަކަތައް ދޮގުކުރެ އެވެ.

އަންހެންމީހާ ބުނި ގޮތުގައި އޭނާ ކިޑްނެޕްކުރީ ނޮވެމްބަރު 25 ގަ އެވެ. އެއީ އޭރު ލަންކާގެ ފުލުހުންގެ އިސް ވެރިއެއް ކަމަށް ވާ ނަޝަންތާ ސިލްވާ، ސްވިޒަލެންޑަށް ވަޑައިގެން އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދެވި ދުވަހުގެ ފަހު ދުވަހެވެ.

ނަޝަންތާ އެގޮތަށް ކަންތައްކުރެއްވީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި މިހާރުގެ ރައީސް ގޮތަބަޔާއާ ގުޅޭ ތަހުގީގުތަކުގައި އިސްކޮށް އުޅުއްވާފައި ހުންނެވުމުން އާ ސަރުކާރުގައި އޭނާގެ ސަލާމަތަށް ނުރައްކާ އޮތުމުންނެވެ.

ގޮތަބަޔާ ވެރިކަމަށް ވަޑައިގަތީ މިދިއަ މަހު އޮތް އިންތިހާބު ކާމިޔާބުކުރައްވަ އެވެ. އޭނާ އަކީ، ތަމަޅަ ޓައިގަރުން ބަލިކޮށް 2009 ގައި ލަންކާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައި އިރު ހުންނެވި ޑިފެންސް މިނިސްޓަރެވެ. އެކަމަކު ރާޖަޕަކްސަގެ ވެރިކަން ނިމުމުން އޭނާއާ މެދު ވެސް ބޮޑެތި ތުހުމަތުތަކެއްކޮށް، ތަހުގީގުތައް ގެންދިޔައީ ހިންގަމުންނެވެ.

ސްވިސް އެމްބަސީން ބުނި ގޮތުގައި އަންހެން މުވައްޒަފު ގަދަކަމުން ގެންގޮސް، އެ މީހުން މަސައްކަތްކުރީ އެމްބަސީއާ ގުޅުން ހުރި މައުލޫމާތުތަކެއް ހޯދާށެވެ. އެމްބަސީން އޭރު ބުނީ އެއީ އެ މީހުންނަށް ދިން ހަމަލާއެއް ކަމަށެވެ.

ނިއު ޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި އަންހެންމީހާ ކިޑްނެޕްކުރި މީހުން މަސައްކަތްކުރީ ގޮތަބަޔާ ވެރިކަމަށް ވަޑައިގަތުމުން އަމިއްލަ ސަލާމަތަށް ބިރު އޮތް ކަމަށް ބުނެ، ސްވިޒަލެންޑުން މި ފަހުން ސިޔާސީ ހިމާޔަތް ހޯދީ ކޮން ބައެއްތޯ ދެނެގަތުމަށެވެ.

ފުލުހުން ފަހުން ވަނީ އެ އަންހެން މީހާއާ އެތައް ދުވަހެއް ވަންދެން ސުވާލުކޮށްފަ އެވެ. އަދި މެޑިކަލް ޓެސްޓްތަކެއް ވެސް ހެދި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު އަންގާފައި ވަނީ އަންހެންމީހާ ކިޑްނެޕްކޮށް އަދި ޖިންސީ އަނިޔާކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

އެކަމަކު އެމްބަސީން ބުނި ގޮތުގައި އަންހެންމީހާގެ ތަހުގީގު ކުރިއަށް ގެންދިޔައީ އުސޫލުތަކާ ހިލާފަށެވެ. އޭގެ ތެރޭގައި ސިއްހީ ގޮތުން ތަން ނުދޭއިރު 30 ގަޑިއިރު ވަންދެން ސުވާލުކޮށް، ތަހުގީގު ކުރިއަށް ގެންދިއުމާއި ތަހުގީގު ނިމުމުގެ ކުރިން، އޭނާގެ ވާހަކަތައް ދޮގުކޮށް، ލަންކާގެ ރަސްމީ ފަރާތްތަކުން ބަޔާންތައް ދިނުން ހިމެނެ އެވެ.