ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ ސުވާލުކުރުމުން ވަޒީފާ އިން ވަކިވާން ޖެހުނު ނޫސްވެރިޔާ އެލީސާ އެލީސާ ޔޮރަވްކަޔާ
25 ޑިސެމްބަރ 2019 - 10:57
ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންގެ އަހަރީ ޕްރެސް ކޮންފަރެސްގައި ރަޝިޔާގެ ޓީވީއެއްގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން އޭނާގެ ވަޒީފާ ގެއްލިއްޖެ އެވެ.
އެކަމަކު ކަމާ ގުޅުން ހުރި އެކި ފަރާތްތަކުން ފަހުން ބުނީ ޔަމާލް-ރީޖަން ޓީވީގެ އެލީސާ ޔޮރަވްކަޔާ ކަނޑާލީ ނޫން ކަމާއި އޭނާ އަމިއްލައަށް އިސްތިއުފާ ދިނީ ކަމަށެވެ. އެ ވާހަކަ ގަބޫލުކުރަން ބައެއް މީޑިއާތަކުން ބޭނުންނުވަނީ، ޕުޓިންއާ އެ ސުވާލުކުރި ފަހުން ވަޒީފާ ގެއްލުމުންނެވެ.
ކޮންމެ އަހަރަކު ޕުޓިން ނޫސްވެރިންގެ ބޮޑު ބައްދަލުވުމެއް ބާއްވަ އެވެ. މި ފަހަރުގެ ބައްދަލުވުން ހަތަރު ގަޑިއިރަށް ކުރިއަށް ދިިޔަ އެވެ.
ޑިސެމްބަރު 19 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ތިން ގަޑިއިރު ހޭދަވި ފަހުން މައިކް ދިނީ ޔަމާލް ސަރަހައްދުން ގޮސް ތިބި ނޫސްވެރިންނަށެވެ.
އެކަމަކު ޕުޓިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް އުޅުއްވީ ޔަމާލް ސަރަހައްދުގެ އެހެން ޓީވީއެއްގެ ނޫސްވެރިޔަކަށް މައިކް ދެއްވާށެވެ. އެލީސާ އެ މައިކް އަތުލާ ސުވާލުކުރީ، އޭނާ ނިސްބަތްވާ ސަރަހައްދުގެ ބައެއް މަޝްރޫއުތަކަށް މަރުކަޒީ ސަރުކާރުގެ ފުރިހަމަ އެހީ ލިބޭނެތޯ އެވެ.
ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އޭނާގެ އަހަރީ ޕްރެސް ކޮންފަރެންސްގައި ޑިސެމްބަރު 19، 2019 ގައި ވާހަކަ ދައްކަވަނީ: މި ޕްރެސް ކޮންފަރެންސް ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ --ފޮޓޯ/އޭއެފްޕީ
އެލީސާގެ ސަރަހައްދު އޮންނަނީ އާޓިކް ކަނޑުގެ އައްސޭރި ފަށުގަ އެވެ. ދުނިޔެ ހޫނުވުމުން އެ ސަރަހައްދުގެ މީހުންނަށް އިގުތިސާދީ ވަރަށް ބޮޑު ހުޅުވުމެއް މިހާރު އަންނަނީ ތަނަވަސްވަމުންނެވެ: އާޓިކް ކަނޑުގެ ގަނޑުފެންތައް ވިރި، ކަނޑު ދަތުރުފަތުރުކުރެވޭ ވަރަށް ސާފުވުމެވެ.
އެލީސާ ބުނި ގޮތުގައި ރޭލު ދަތުރުތަކަށް ބޭނުންވާ ކަންކަން ވަނީ ކޮށްފަ އެވެ. އެކަމަކު އޯބް ކޯރު ހުރަސްކުރަން ހަދަން ޖެހޭ ބްރިޖްގެ މަަސައްކަތް ހުއްޓިފައި އޮތް ކަމަށާއި މަރުކަޒީ ސަރުކާރުގެ ފުރިހަމަ އެހީ އެކަމަށް ލިބޭނެތޯ ސުވާލުކުރި އެވެ.
ޕުޓިން ވިދާޅުވީ ވަކި މަޝްރޫއުއެއް ނަގައިގެން އެ ވާހަކަ ދެއްކުމަކީ މަރުކަޒީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު އޯބް ކޯރު ހުރަސްކުރަން ހަދާ ބްރިޖް ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްޓިން ވިދާޅުވި ގޮތުގައި އާޓިކް ކަނޑުގެ ގަނޑުފެންތައް ވިރުމުން ކަނޑު ދަތުރުފަތުރަށް އަންނާނެ އިންގިލާބީ ބަދަލުތަކާ ގުޅިގެން އެ ސަރަހައްދުގައި ހަދަން ޖެހޭ ބަނދަރު މުހިންމެވެ. އަދި އުމުރާނީ އެހެން ތަރައްގީތައް ވެސް މުހިންމު ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، ރަޝިޔާގެ ރައީސް ވިދާޅުވީ، އޯބް ކޯރުގެ ބްރިޖަށް ސަރުކާރުން ސަމާލުކަން ދޭނެ ކަމަށެވެ.
އެކަމަކު އެލީސާގެ އެ ސުވާލަށް އޭނާ ނިސްބަތްވާ ސަރަހައްދުގެ ސަރުކާރުން ހިތްހަމައެއް ނުޖެހުނެވެ.
އެލީސާ ބުނި ގޮތުގައި ވަޒީފާ އިން ކަނޑާލުމުގެ ކުރިން އޭނާ އިސްތިއުފާ ދިނީ އެވެ.
އެއް ބަޔަކު ލަފާކުރަނީ އިސްތިއުފާ ދޭން ޖެހުނީ ކުރި ސުވާލުން ނޫން ކަމަށާއި ފޭސްބުކްގައި ޕުޓިންއާ ބެހޭ ގޮތުން އޭނާ ލިއުނު ޕޯސްޓަކާ ގުޅިގެން ކަމަށެވެ.
ޕުޓިން ގެންދަވަނީ މޫނުގެ ހަންގަނޑު ޒުވާންކަމަށް ދައްކަވަން ފަރުވާ ނަންގަވަމުން ކަމަށް އަޑުއަރާފައި ވިޔަސް، ހަމަ ލޮލުން ފެންނަ އިރު އެކަހަލަ ނިޝާނެއް ފާހަގަނުކުރެވޭ ކަމަށް، އެ ޕޯސްޓްގައި އެލީސާ ލިއުނު ކަމަށްވެ އެވެ.
"އޭނާ ފެންނަނީ އުމުރާ އެއްގޮތަށެވެ،" އެލީސާގެ ޕޯސްޓްގައި އޮތް ކަމަށް، ބައެއް މީހުން ބުނެ އެވެ.
އެކަމަކު މިހާރު އެ ޕޯސްޓް ފޮހެލާފައި ވާތީ އެއީ ތެދެއްކަން ކަނޑައެޅޭނެ ގޮތެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތުނާ
25 December 2019
މިކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް ތިކަހަލަ ކަންތައްތައް ހިނގާލެއް މަދެއްނޫން....... އޮފީހުގައި ވެރިމީހާ ބާއްވާ ޖަލްސާއެއްގައި ވެސް ހިތްހަމަނުޖެހޭ ސުވާލެއް ކުރެވިއްޖެނަމަ އެނިމުނީ......
ހަސަނު1
25 December 2019
ތީ ކޮން އޮފީހެއްބާ؟