ގަވާއިދާޚިލާފަށް ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ލަންކާގެ އިދިކޮޅު މެންބަރަކު ހައްޔަރުކޮށްފި

ކޮލަމްބޯ (ޖެނުއަރީ 5) - ގަވާއިދާޚިލާފަށް ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ސްރީ ލަންކާ ޕާލަމެންޓުގައި ހިމެނޭ އިދިކޮޅު އިސް މެންބަރެއް ކަމަށްވާ ރަންޖަން ރަމަނަޔަކަ އިއްޔެ ހައްޔަރުކޮށްފި އެވެ.


އޭނާ އަކީ ލަންކާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ އެއް މެންބަރެވެ. އަދި ރަންޖަން އަކީ ލަންކާގެ އާ ސަރުކާރު ނޮވެމްބަރު މަހު ވެރިކަމަށް އައި ފަހުން ހައްޔަރު ކުރި އިދިކޮޅު ތިން ވަނަ މެންބަރެވެ.

ފުލުހުން އިއްޔެ ވަނީ ރަންޖަންގެ ގެ ބަލައި ފާސްކޮށް ލައިސަންސް ނެތި އޭނާ ގެންގުޅުނު ބަޑިއަކާއި 127 ވަޒަން ހިފަހައްޓައިފަ އެވެ. ރަންޖަންގެ ގެ ފުލުހުން ބަލައި ފާސްކުރަމުން ދިޔަ އިރު އޭނާ ވަނީ އެ މަންޒަރުތައް ފޭސްބުކުން ލައިވްކޮށްފަ އެވެ.

"އަޅުގަނޑު އެއްވެސް ކުށެއް ނުކުރަން. ތެދު ހާމަކޮށްގެން ކޮންމެ ފަދަ ކަމަކާ ކުރިމަތިލާން ވެސް އަޅުގަނޑު މިހުރީ ތައްޔާރަށް،" ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން ރަންޖަން ބުންޏެވެ.

މީގެ ކުރިން ވަނީ އިދިކޮޅު ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ މެންބަރު އަދި ކުރީގެ މިނިސްޓަރެއް ކަމަށްވާ ޕަޓާލީ ރަނަވަކަ ޑިސެމްބަރު 18 ވަނަ ދުވަހު ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ 2016 ވަނަ އަހަރުގެ އެކްސިޑެންޓަކާ ގުޅިގެންނެވެ. އެހެން މިނިސްޓަރެއް ކަމަށްވާ ރަޖިތާ ސެނަރަތުނަ ވަނީ ޑިސެމްބަރު 27 ވަނަ ދުވަހު ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިންތިޚާބީ ގާނޫނާ ޚިލާފަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިގެންނެވެ.