ބޯޓު ވައްޓާލީ މިސައިލެއް ކަމަށް ހީކޮށް، ގޮތެއް ނިންމަން ލިބުނީ 10 ސިކުންތު

ތެހެރާން (ޖެނުއަރީ 12) - ޔުކްރޭނުގެ މަތިންދާ ބޯޓު ވައްޓާލީ މިސައިލް އޮޕަރޭޓަރަށް އެއީ މިސައިލެއް ކަމަށް ހީކޮށް ކަމަށާއި ހަމަލާ ދިނުމާ މެދު ގޮތެއް ނިންމަން އޭނާ އަށް ލިބުނީ 10 ސިކުންތު ކަމަށް ރިވޮލިއުޝަނަރީ ގާޑުގެ އެއަރޯސްޕޭސް ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އާމިރު އަލީ ހަޖިޒާދާ ވިދާޅުވެއްޖެ އެވެ.


"އީރާނަށް ކްރޫޒް މިސައިލް ހަމަލާ ދޭކަން އޮތީ ރިޕޯޓްކޮށްފައި،" އީރާނުގެ ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސްގެ ބޯޓު މިދިޔަ ބުދަ ދުވަހު ވައްޓާލީ، އިރާގުގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒުތަކަށް އީރާނުން މިސައިލް ހަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. އެ ހަމަލާގައި ވަނީ ބޯޓުން ދަތުރުކުރި 176 މީހުން މަރުވެފަ އެވެ.

ވެއްޓުނު ޔުކްރޭން އެއާލައިނުގެ ފްލައިޓް ޑޭޓާ ރެކޯޑަރު. --ފޮޓޯ:އޭއެފްޕީ

"މިސައިލް އޮޕަރޭޓަރަށް މައުލޫމާތު ފޯރުކޮށްދީފައި ވަނީ އެއީ ހަނގުރާމައިގެ ހާލަތެއްގެ ގޮތުގައި. އެ ހާލަތުގައި އެންމެ ބަޓަނަކަށް ފިތާލައިގެން ހަމަލާ ދެވޭ މިންވަރަށް އެލާޓް ލެވެލް ވަނީ މަތިކޮށްފައި. އަދި މިސައިލް ހަމަލާ ދޭކަން އޭނާ އަށް އޮތީ އަންގާފައި. މިސައިލް އޮޕަރޭޓަރަށް ބޯޓު ފެނުނީ ކްރޫޒް މިސައިލެއްގެ ގޮތުގައި،" ހަޖިޒާދާ ވިދާޅުވި އެވެ. "ހަމަލާ ދިނުމުގެ ކުރިން މިސައިލް އޮޕަރޭޓް އެޕްރޫވަލް ހޯދަން ޖެހޭނެ. އެކަމަކު މުވާސަލާތީ އޮޅުމަކުން ގުޅުންތައް ކެނޑިފައި ވަނީ."

އޭނާ ވިދާޅުވީ މުވާސަލާތީ އޮޅުން އެރީ، ސިސްޓަމް ޖޭމްވެގެން، ނުވަތަ ނެޓްވޯކް ބިޒީވެގެން ކަމަށެވެ. އެހެންވެ އެއްވެސް ފަރާތަކާ އޭނާ އަށް މުވާސަލާތު ނުކުރެވުނު ކަމަށް ބުންޏެވެ.

"ގޮތެއް ނިންމަން އޭނާ އަށް ލިބުނީ 10 ސިކުންތު،" އީރާންގެ ޖެނެރަލް ވިދާޅުވި އެވެ.

ހަޖިޒާދާ ވިދާޅުވީ އެ ހާލަތުގައި އޭނާ އަށް ގޯސް ނިންމުމެއް ނިންމައި، ބޯޓަށް މިސައިލެއް ފޮނުވާލެވުނީ ކަމަށެވެ.

ބޯޓު ވެއްޓުނީ އޮޅުމަކުން ދިން މިސައިލް ހަމަލާއަކުން ކަމަށް އީރާނުން އިއްޔެ އެއްބަސްވީ، ބޯޓަށް މިސައިލެއް އަރާ ވީޑިއޯއެއް އާއްމުވި ފަހުންނެވެ. އޭގެ ކުރިން އީރާނުން ދިޔައީ އެކަން ދޮގު ކުރަމުންނެވެ.