ޔުކްރޭނުގެ ބޯޓު ވެއްޓުނީ "ހެދުނު ގޯހަކުން": އީރާން

ތެހެރާން (ޖުލައި 13) - މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޔުކްރޭނުގެ ފަސިންޖަ މަތިންދާ ބޯޓެއް ވައްޓާލެވުނީ އެއާ ޑިފެންސް އިކްއިޕްމަންޓް ބޭނުން ކުރުމުގައި ހެދުނު ގޯހަކުން ކަމަށް އީރާނުން އެއްބަސްވެއްޖެ އެވެ.


އީރާނުގެ ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޯޓު ވެއްޓުނީ "އިންސާނުންނަށް ހެދުނު ގޯހަކުން" ކަމަށާއި އަސްކަރީ ކޮމިއުނިކޭޝަން ވެސް ދަށް ކަމަށެވެ. އެ ހަމަލާ ދިނީ ކޮމާންޑް ސެންޓަރުން އެޕްރޫވަލް ނުލިބެނީސް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ތެހެރާނުން ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ދެ މިސައިލް އަރައިގެން ވެއްޓުނު ބޯޓުގައި ތިބި 176 މީހުން ވަނީ މަރުވެފަ އެވެ.

އީރާނުން އެންމެ ފުރަތަމަ ވަނީ ބޯޓު ވެއްޓުނު ހާދިސާގެ ޒިންމާ އުފުލަން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ޔުކްރޭނުގެ ބޯޓު ވެއްޓުނީ ކްރޫޒް މިސައިލް އަރައިގެން ކަމަށް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ބުނަން ފެށުމުން އީރާނުން ވަނީ އެކަމަށް އެއްބަސްވާން މަޖްބޫރުވެފަ އެވެ. އީރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ އެއީ "ހަނދާނުން ފޮހެނުލެވޭނެ ގޯހެއް" ކަމަށް ވިދާޅުވެފަ އެވެ.

ޔުކްރޭން އިންޓަނޭޝަނަލް އެއާލައިންސްގެ ބޯޓު ޖެނުއަރީ 8 ވަނަ ދުވަހު ވައްޓާލީ އީރާނާއި އެމެރިކާއާ ދެމެދު މަޝްރަހު ހޫނުވެފައިވާ ދުވަސްވަރެއްގަ އެވެ. އެ ދުވަސްވަރު އީރާނުގެ އެއާ ޑިފެންސް އޮތީ ތައްޔާރީ ހާލަތުގަ އެވެ. ބޯޓު ވައްޓާލުމުގެ ކުރިން އީރާނުން ވަނީ އިރާގުގައި އެމެރިކާ ސިފައިން ތިބޭ ދެ މަރުކަޒަކަށް މިސައިލް ހަމަލާ ދީފަ އެވެ. އެ ހަމަލާ ދިނީ ބަޣުދާދު އެއާޕޯޓާ ކައިރިން އެމެރިކާ އިން ޑްރޯން ހަމަލާދީ އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އީރާނުން މިދިޔަ މަހު ބުނެފައި ވަނީ ބޯޓު ވައްޓާލި ހާދިސާއާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ކަޅު ފޮށި ދޭން އީރާނުން ކުރިން ދެކޮޅު ހެދި ނަމަވެސް މިހާރު ވަނީ މި މަހު 20 ވަނަ ދުވަހު ކަޅު ފޮށި ފްރާންސަށް ފޮނުވާނެ ކަމަށް ބުނެފަ އެވެ.