ސްކޫލަށް ތެޔޮ އެޅުމުން އެއާލައިނާ ދެކޮޅަށް ޓީޗަރުން ދައުވާކޮށްފި

ކެލިފޯނިއާ (ޖެނުއަރީ 19) - އިމަޖެންސީގައި ޖައްސަން ދިޔަ ޑެލްޓާ އެއާލައިންސްގެ މަތިންދާ ބޯޓަކުން ހުސްކުރި ތެޔޮ ކެލިފޯނިއާގެ ސްކޫލަކަށް އެޅި މައްސަލައިގައި އެ އެއާލައިނާ ދެކޮޅަށް ސްކޫލުގެ ހަތަރު ޓީޗަރަކު ދައުވާކޮށްފި އެވެ.


އިންޖީނަށް މައްސަލަ ދިމާވި ބޯޓު ވަނީ ކުއްލި ހާލަތުގައި ލޮސް އެންޖަލިސް އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފަ އެވެ.

ޑެލްޓާ އެއާލައިންސް އިން ބުނީ ބޯޓުން ތެޔޮ ހުސްކުރީ ލޭންޑިން ވެއިޓް ދަށްކުރަން ކަމަށެވެ. ބޯޓުން ހުސްކުރި ތެޔޮ ވަނީ ތިން ސްކޫލެއްގެ ގޯތި ތެރެއަށް އެޅިފަ އެވެ. ތެލުގެ އަސަރުކޮށްގެން ގާތްގަނޑަކަށް 60 ވަރަކަށް މީހުންނަށް ވަނީ ފަރުވާ ދީފަ އެވެ.

ހަތަރު ޓީޗަރުން ވަނީ ތެޔޮ އެޅުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ލޮސް އެންޖަލިސް ސުޕީރިއާ ކޯޓަށް ހުށަހަޅައިފަ އެވެ. ޓީޗަރުންގެ ވަކީލް ވިދާޅުވީ ބައެއް މީހުންގެ ހަންގަނޑަށާއި ލޮލަށް ތެލުގެ އަސަރުކޮށްގެން ގެއްލުން ލިބުނު ކަމަށެވެ.

ޗައިނާގެ ޝެންހާއީ އަށް ދަތުރު ކުރަން ހަމަޖެހިފައިވާ ބޯޓުގައި 167 ޕަސިންޖަރުން ތިއްބެވެ. ބޯޓު ވަނީ ސަލާމަތުން ލޮސް އެންޖަލިސް އަށް ޖައްސައިފަ އެވެ.

އޭވިއޭޝަން ގަވާއިދުތައް ބުނާ ގޮތުން އިމަޖެންސީގައި ޖައްސަންދާ ބޯޓުތަކުން ތެޔޮ ހުސްކުރެވޭނެ އެވެ. ނަމަވެސް ވަކި އުސްމިނަކުން ވަކި ސަރަހައްދުތަކަކަށެވެ.

ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނީ ބޯޓުން ތެޔޮ ހުސްކުރީ އެއާ ޓްރެފިކް ކޮންޓްރޯލަށް ނާންގާ ކަމަށެވެ.