ހަމަލާތަކުގައި ހަލަބުގެ އިރުމަތީގެ ސަރަހައްދުތައް އެކުގައި ވަނީ ސުންނާފަތިކޮށްލާފައި

ޖެނީވާ (އޮކްޓޯބަރު 6) - ސީރިއާގެ ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކަށް ވޭތުވެދިޔަ ދެ މަސް ދުވަހު ދިން ވައިގެ ހަމަލާތަކުގައި އެ ސަރަހައްދު އެކުގައި ސުންނާފަތިވެފައިވާ ކަމަށް ސީރިއާ އަށް ކަނޑައަޅާފައިވާ އދ.ގެ ޚާއްސަ މަންދޫބު ސްޓެފަން ޑި މިސްތުރާ ވިދާޅުވެއްޖެ އެވެ.


ސްވިޒަލެންޑުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިސްތުރާ ވަނީ ހަމައެކަނި ހަނގުރާމަވެރިން ނެރެލުމުގެ ބޭނުމުގައި ހަލަބު ސިޓީ ހަލާކު ނުކުރުމަށް ރަޝިޔާ އާއި ސީރިއާ އަށް ގޮވާލައްވައިފަ އެވެ. އދ. އިން ލަފާކުރާ ގޮތުގައި ހަލަބުގެ އިރުމަތީގައި ވަނީ 275،000 އަށް ވުރެ ގިނަ އާއްމުން ތާށިވެފަ އެވެ.

ރަޝިޔާ އާއި ސީރިއާ އިން ބުނަމުން ދަނީ ހަލަބު ސިޓީގެ އިރުމަތީ ހިސާބުތަކަށް ހަމަލާ ދެމުން ދަނީ ޖަބްހަތު ފާތިހު އަލް ޝާމް ނުވަތަ ކުރީގެ ނުސްރާ ފްރަންޓުގެ ހަނގުރާމަވެރިން ބަލިކޮށްލުމަށް ކަމަށެވެ.

މިސްތުރާ ވިދާޅުވީ ހަލަބުގެ އިރުމަތީގައި ތިބީ ޖަބްހަތު ފާތިހު އައް ޝާމުގެ 900 ވަރަކަށް ހަނގުރާމަވެރިން ކަމަށާއި އެ މީހުން އެ ސަރަހައްދު ދޫކޮށް ދާން ބޭނުންވާ ނަމަ އެ މީހުން ނުކުންނަ އިރު ހަނގުރާމަވެރިންނާ އެކު ހުންނަވަން ބޭނުންވާ ކަމަށެވެ.

"ހަނގުރާމަވެރިން އިއްޒަތާކާ އެކު އެ ސަރަހައްދުން ނުކުންނަން ބޭނުން ނަމަ އެ ފުރުސަތު އެބައޮތް. އެ މީހުން ބޭނުން ނަމަ އެ މީހުން ނުކުމެގެންދާއިރު އަޅުގަނޑު ހުންނާނަން،" މިސްތުރާ ވިދާޅުވި އެވެ.