އިސްތަންބޫލް (އޮކްޓޯބަރު 12) - ހައިސިއްޔަތު އޮޅުވާ ނުލާ ސައިޒުގައި ހުންނެވުމަށް އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަންގަވައިފި އެވެ.

"އިރާގުގެ ބޮޑު ވަޒީރު ގެންދަވަނީ ވަރަށް ޒާތީ ގޮތުން އަޅުގަނޑަށް ބަހުގެ ހަމަލާ ދެއްވަމުން. އެކަމަކު އަޅުގަނޑު ދަންނަވާނީ އަބާދީ ހުންނެވީ އަޅުގަނޑުގެ ލެވެލްގައި ނޫންކަން. އެއީ ކާކު؟ އިރާގުގެ ބޮޑު ވަޒީރު. ފުރަތަމަ މަނިކުފާނުގެ ސައިޒު ދެނެގަނޭ،" އިސްތަންބޫލްގައި ބޭއްވި ބައްދަލުވުމެއްގައި އަބާދީ އަށް އަމާޒު ކުރައްވާ އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީން ބުނެފައި ވަނީ ބަޣުދާދުން ކިތަންމެ ރުޅި އައި ނަމަވެސް ތުރުކީ ސިފައިން އިރާގުގައި ތިބޭނެ ކަމަށެވެ. ތުރުކީގެ 2،000 ސިފައިން އިރާގުގައި އެބަތިއްބެވެ. އިރާގުން ތުރުކީ ސިފައިން ފޭބުމަށް ބަޣުދާދުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

އުރުދުޣާންގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިރާގު ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ އުރުދުޣާން ގެންދަވަނީ "އަލިފާނަށް ތެޔޮ އަޅުއްވަމުން" ކަމަށެވެ. އިރާގުގައި ތުރުކީ ސިފައިން ތިބުން ބަޣުދާދުން ސިފަކޮށްފައި ވަނީ "އެ ގައުމަށް އަރައިގަތުމުގެ ގޮތުގަ" އެވެ.

އިރާގާއި ތުރުކީގެ މެދުގައި މައްސަލަ އިތުރަށް ހޫނުވެފައި ވަނީ އިރާގުގައި ތުރުކީ ސިފައިން އިތުރު އެއް އަހަރު ބޭތިއްބުމަށް އެ ގައުމުގެ ޕާލަމެންޓުން ފާސްކުރުމާ ގުޅިގެންނެވެ.

ތުރުކީ އާއި އިރާގާ ދެމެދު މައްސަލަ ގޯސްވެފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން މޮސޫލް ހިފުމަށް އިރާގުން ތައްޔާރުވެފައި ވަނިކޮށެވެ.