ވެއްޓުނު ބޯޓުގެ ކަޅުފޮށި ހޯދައިފި

ކަރާޗީ (މެއި 24) - ލާހޯރުން ފުރައިގެން ކަރާޗީ އަށް ޖައްސަނިކޮށް ހުކުރު ދުވަހު ވެއްޓުނު ޕާކިސްތާނުގެ ގައުމީ އެއާލައިނުގެ މަތިންދާ ބޯޓުގެ ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް ވޮއިސް ރެކޯޑަރު ހޯދައިފި އެވެ.


ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ އެއާބަސް އޭ320 ގެ ބޯޓު ވެއްޓިފައި ވަނީ ކަރާޗީގެ އެއާޕޯޓާ ކައިރީގައިވާ ގެތަކެއްގެ މައްޗަށެވެ. އެ ހާދިސާ އިން ވަނީ ދެ މީހުން ސަލާމަތްވެފަ އެވެ. އޭގެ ތެރޭން އެކަކީ ބޭންކް އޮފް ޕަންޖާބުގެ ރައީސް ޒަފަރު މައްސޫދެވެ. އަނެއް މީހަކީ އުމުރުން 24 އަހަރުގެ މުހައްމަދު ޒުބޭރު ކިޔާ މީހެކެވެ. ނަމަވެސް 97 މީހުން ވަނީ މަރުވެފަ އެވެ.

"ބޯޓުގެ ކަޅުފޮށި ވަނީ ފެނިފައި. ހާދިސާ ތަހުގީގު ކުރާ ބޯޑަށް ވަރަށް އަވަހަށް ހަވާލު ކުރާނަން،" ޕީއައިއޭގެ ތަރުޖަމާން އަބްދުﷲ ޚާން ވިދާޅުވި އެވެ.

ބޯޓު ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން ޕައިލެޓް ވަނީ ދެ އިންޖީން ފެއިލްވިކަން އެއާ ޓްރެފިކް ކޮންޓްރޯލަށް އަންގައިފަ އެވެ.

ބޯޓު ވެއްޓުނީ ރަންވޭގެ ޕެރިމީޓަރާ ވަރަށް ކައިރިވެފައި ވަނިކޮށެވެ. މަންޒަރުތަކުން ފެންނަ ގޮތުގައި ވެއްޓިފައި ވަނީ ކަރާޗީގެ މޮޑެލް ކޮލޮނީގައި އާއްމުން ދިރިއުޅޭ ގެތަކެއްގެ މައްޗަށެވެ. ބިން މަތިން ވެސް އެތައް ބަޔަކު ޒަޚަމްވެ ކާރުތަކުގައި ވަނީ ރޯވެފަ އެވެ. ބޯޓުގެ ބައެއް ބައިތައް މަގުތަކަށް ވެސް ބުރައިގެން ދިޔަ އެވެ.

އެއާބަސް އިން ބުނީ އެއީ 2014 ވަނަ އަހަރު ބޭނުން ކުރަން ފެށި ބޯޓެއް ކަމަށެވެ. ޕީއައިއޭ އިން ބުނީ ފްލީޓަށް އެ ބޯޓު އިތުރުކޮށްފައި ވަނީ 2014 ވަނަ އަހަރު ކަމަށެވެ. އަދި އެންމެ ފަހުން އެއާވާދިނަސް ހަދާފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ކަމަށް ބުންޏެވެ. ޕީއައިއޭގެ ޗީފް އެގެޒެޓިވް އަރުޝަދު މަހްމޫދު މާލިކު ވިދާޅުވީ އެއާބަސް އޭ320 ގެ ބޯޓުގެ ޓެކްނިކަލް އަދި އޮޕަރޭޝަނަލް ހުރިހާ ކަމެއް ފުރިހަމަ ވާނެ ކަމަށެވެ. އޭވިއޭޝަން މިނިސްޓަރު ގުލާމް ސަރްވަރު ޚާން ވިދާޅުވީ ވެއްޓުނު ބޯޓުގެ ކެޕްޓަން ސައްޖާދު ގުލް އަކީ އެއާލައިނުގެ ވަރަށް ސީނިއާ ޕައިލެޓެއް ކަމަށެވެ. އެއާބަސް އިން ބުނެފައި ވަނީ ވެއްޓުނު ބޯޓު ދަތުރުކޮށްފައި ވަނީ 47،100 ގަޑިއިރު ކަމަށެވެ. ބޯޓުގައި ހުރީ ސީއެފްއެމް އިންޓަނޭޝަނަލް އިން އުފައްދާފައިވާ ދެ އިންޖީނު ކަމަށް އެއާބަސް އިން ބުންޏެވެ.