ސަރުކާރުގެ ތެރޭގައި ހަމަޖެހުން އޮތްކަމުގެ ޔަގީންކަން ސިރިސޭނާ ދެއްވައިފި

ކޮލަމްބޯ (އޮކްޓޯބަރު 20) - ސްރީ ލަންކާ ސަރުކާރުގެ ތެރޭގައި ހަމަޖެހުން އެބައޮތް ކަމަށާއި 2020 ވަނަ އަހަރާ ހަމައަށް ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް މައިތުރިޕާލާ ސިރިސޭނާ ދެއްވައިފި އެވެ.


ޖަޕާނު ސަރުކާރުގެ ފަރާތުން ބެހެއްޓި ވޯޓާ ޓްރީޓްމަންޓް ޕްލާންޓެއް ހުޅުއްވައިދެއްވަމުން ސިރިސޭނާ ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގެ 17 މަސް ދުވަހު ތެރޭ ކުރައްވަމުން ގެންދެވީ މިނިވަން ކަމާއި ޑިމޮކްރެސީ އަލުން ގާއިމްކުރުމުގެ މަސައްކަތް ކަމަށާއި އެއްވެސް ފެކްޝަނަކަށް ސަރުކާރު ވައްޓާ ނުލެވޭނެ ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ ކަމަށާއި އެހެންވެ ކޮންމެ މީހަކަށް ވެސް ސަރުކާރަށް ފާޑުކީދާނެ ކަމަށެވެ. އެކަމަކު ސަރުކާރުން ކަންތައް ކުރާނީ ގައުމުގެ ހުރިހާ ރައްޔިތުންނާ މެދު ހަމަހަމަކޮށް ކަމަށް ވިދާޅުވި އެވެ. އެހެންވެ ގައުމުގެ މުއައްސަސާތަކުން ވެސް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.

ސިރިސޭނާ މިދިޔަ ހަފުތާގައި ވިދާޅުވީ މިނިވަން މުއައްސަސާތައް އުފެއްދެވީ ޑިމޮކްރެސީ ހަރުދަނާކޮށް، އިންސާނީ ހައްގުތައް ޔަގީންކޮށްދީ އަދި ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމަށް ކަމަށެވެ. އެހެންވެ މިނިވަން މުއައްސަސަތާކުން ސިޔާސީ އެޖެންޑާތަކާ ދުރުވެ ގައުމުން ކޮރަޕްޝަން ފުހެލަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ތަޖްރިބާކާރުން ބުނަނީ މިއީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރާއި ސިރިސޭނާއާ ދެމެދު މައްސަލަތައް އުފެދިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. ސިރިސޭނާ އާއި ރަނިލް އަކީ ކުރިން ވާދަވެރި ދެ ޕާޓީއެއްގެ ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުން އެއްގަލަކަށް އެރުއްވީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ވެރިކަން ނިމުމަކަށް ގެންނާށެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ