ނިއު ދިއްލީ (ޖުލައި 3) - އިންޑިއާގެ އުތުރުގެ ޗައިނާއާވީ ފަޅީގެ ބޯޑަރަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުއްލި ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.

އިންޑިއާ އާއި ޗައިނާ ގުޅޭ ގަލްވާން ވާދީގައި މިދިޔަ މަހު ހިންގި ކުރިމަތިލުމުގައި ވަނީ އިންޑިއާ ސިފައިންގެ 20 މީހުން މަރުވެފަ އެވެ. މިއީ ދެ ގައުމުގެ މެދުގައި ޚިޔާލުތަފާތުވެފައިވާ ބޯޑަރުގައި ވޭތުވެދިޔަ 45 އަހަރު ތެރޭ ހިންގި ފުރަތަމަ ކުރިމަތިލުމެވެ. މޯދީ ވަޑައިގެންނެވީ ޖޫން 15 ވަނަ ދުވަހު ކުރިމަތިލުން ހިންގި ލަޑަކުގެ ނިމޫގެ އަސްކަރީ މަރުކަޒަކަށެވެ. އެ ކުރިމަތިލުމުގައި ޒަޚަމްވި އިންޑިއާ ސިފައިންނަށް ފަރުވާ ދޭ ހޮސްޕިޓަލަކަށް ވެސް މޯދީ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަސްކަރީ އޮފިޝަލުންނާ އެކު. --ފޮޓޯ:އޭއެފްޕީ
އިންޑިއާ އާއި ޗައިނާ ގުޅޭ ބޯޑަރުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަސްކަރީ އޮފިޝަލުންނާ އެކު. --ފޮޓޯ:އޭއެފްޕީ

މޯދީ އަރިހު، އިންޑިއާ ސިފައިންގެ ވެރިޔާ ވެސް ބޯޑަރަށް ވަޑައިގެންނެވި އެވެ.

ބޯޑަރުގައި ހިންގި ކުރިމަތިލުމުގައި ޗައިނާ ސިފައިންގެ ތެރޭން ވެސް ބައެއް މީހުން މަރުވި އެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ބޯޑަރުގެ ކުރިމަތިލުމަށް ފަހު މަޝްރަހު ފިނިކުރެވޭތޯ ދެ ގައުމުގެ އިސް އަސްކަރީ އޮފިޝަލުންގެ މެދުގައި ވަނީ މަޝްވަރާތައް ބާއްވައިފަ އެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބުނު ކަމެއް ނޭނގެ އެވެ.