ހައްޖު ޕްރޮޓޮކޯލް: ކައުބާގައި އަތެއް ނުލެވޭނެ، ޖަމްރާ އަށް އުކާނީ ސްޓެރިލައިޒްޑް ހިލަ

މައްކާ (ޖުލައި 6) - މި އަހަރުގެ ހައްޖު ސީޒިނަށް ސައުދީ އަރަބިއާގެ ނޭޝަނަލް ސެންޓަ ފޯ ޑިޒީޒް ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން ޕްރޮޓޮކޯލްތަކެއް އެކުލަވާލައިފި އެވެ.


ޕްރޮޓޮކޯލްގައިވާ ގޮތުން ހައްޖުގެ އަޅުކަމުގައި ބައިވެރިވާ އެއްވެސް މީހަކު ގެފުޅުގަ އާއި ހަޖަރުލް އަސްވަދުގައި އަތެއް ނުލެވޭނެ އެވެ. އަދި ޖަމްރާ އަށް ހިލަ އުކާއިރު ކޮންމެ މީހަކަށް ވެސް ލިބޭނީ ސްޓެރިލައިޒްކޮށްފައިވާ ހިލަ އެވެ. ހިލަތައް ހުންނާނީ ޕެކެޓްކޮށްފަ އެވެ.

ހައްޖުގެ ހުއްދަ ނެތް މީހުން ޒުލްގައިދާ 28 (ޖުލައި 19) އިން ފެށިގެން ހައްޖު މަހުގެ 12 ވަނަ ދުވަހާ ދެމެދު މިނާ، މުޒްދަލިފާ އަދި އަރަފާތަށް ވަނުން ވަނީ މަނާކޮށްފަ އެވެ.

ހައްޖުގެ އަޅުކަމުގެ ތެރޭގައި އެއްވެސް މީހެއްގެ ފަރާތުން ކޮރޯނާވައިރަހުގެ އަލާމާތެއް ފެނިއްޖެ ނަމަ، ޑޮކްޓަރުން އެ މީހަކު ބެލުމަށް ފަހު ހާލަތު ވަޒަންކޮށް، ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ފުރުސަތު ދޭނެ އެވެ. ހައްޖުގެ އަޅުކަމުގެ ކުރިން އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ހައްޖުވުމުގެ ފުރުސަތެއް ނުދޭނެ އެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި މާސްކް އަޅައިގެން އުޅުން ވަނީ މަޖްބޫރުކޮށްފަ އެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި ހުރިހާ ވަގުތެެއްގައި ވެސް އުޅެން ޖެހޭނީ އެކަކު އަނެކަކާ ދެމެދު 1.5 މީޓަރުގެ ދުރުމިނުގަ އެވެ. ޓެންޓްތަކުގައި ތިބޭ އިރު ވެސް ކޮންމެ 50 އަކަ މީޓަރަކަށް 10 މީހުންނަށް ވުރެ ގިނައިން ނުތިބެވޭނެ އެވެ.

ޖަމްރާ އަށް ހިލަ އުކަން ދެވޭނީ ކޮންމެ ހައްޖުވެރިއަކަށް ވެސް ކަނޑައެޅިފައިވާ ވަގުތެއްގަ އެވެ. ކޮންމެ ފްލޯއެއްގައި ވެސް އެއްވަގުތެއްގައި ހިލަ އުކަން ތިބޭ މީހުން 50 އަށް ވުރެެ އިތުރެއް ނުވާނެ އެވެ. ހިލަ އުކާއިރު ވެސް 1.5 މީޓަރުގެ ގައިދުރުކަން ބަހައްޓަން ޖެހޭނެ އެވެ. ތަވާފް ކުރާ އިރު ވެސް އެ ދުރުމިން ބަހައްޓަން ޖެހޭނެ އެވެ.

ހައްޖުވެރިންނަށް ދޭނީ ކުރިން ޕެކޭޖްކޮށްފައިވާ ތައްޔާރީ ކާނާ އެވެ.

މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައޫދީ އަރަބިއްޔާގައި އުޅޭ މީހުންނަށް އެކަނި ކަމަށާއި އެ ފުރުސަތު ލިބޭނީ މަދު ބަޔަކަށް ކަމަށް ސައޫދީން ވަނީ ބުނެފަ އެވެ.