ހަރަމްފުޅު ސާފުކުރަން ދުވާލަކު 2،400 ލިޓަރުގެ ސެނިޓައިޒާ

މައްކާ (އޮގަސްޓް 3) - މި އަހަރުގެ ހައްޖުގެ ދުވަސްތަކުގައި ހަރަމްފުޅު ޑިސްއިންފެކްޓް ކުރުމަށް ދުވާލަކު އެވްރެޖްކޮށް 2،400 ލީޓަރުގެ ސެނިޓައިޒާ ބޭނުން ކުރި ކަމަށް އޮފިޝަލުންނާ ހަވާލާދީ ސައުދީގެ ރަސްމީ ނޫސް އެޖެންސީން ބުނެފި އެވެ.


ހަރަމްފުޅުގައި ކޮންމެ ދުވަހަކު ވެސް ބޭނުންކުރި ސެނިޓައިޒާގެ ތެެރޭން 1،500 ލިޓަރު ބޭނުންކޮށްފައި ވަނީ ތަންތަން ސާފު ކުރުމަށެވެ. އަނެއް 900 ލިޓަރު ބޭނުންކޮށްފައި ވަނީ ހައްޖާޖީންގެ އަތް ސާފު ކުރުމަށެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ވެސް ވަނީ ކާޕެޓްތަކާއި މުސައްލަތަކުގައި 1،050 ލިޓަރުގެ މީރުވަސް ދުވާ އަތަރު ބޭނުންކޮށްފަ އެވެ.

މި އަހަރުގެ ހައްޖު ދުވަސްވަރު ހަރަމްފުޅު ސާފު ކުރުމަށް ޚާއްސަ އިސްކަމެއް ދީފައި ވަނީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށެވެ. ސައުދީގެ ހެލްތު މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަން އިއްޔެ ނިމުނު އިރު އެއްވެސް ހައްޖާޖީއެއްގެ ފަރާތުން ކޮރޯނާވައިރަހުގެ އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.

ހަރަމްފުޅު ސާފު ކުރުމުގައި މަތާފް (ކައުބާ ވަށައިގެން ތަވާފްކުރާ ސަރަހައްދު) އަދި މަސްއާ (ސަފާ އާއި މަރުވާއާ ދެމެދު ހިނގާ ސަރަހައްދު) ޑިސްއިންފެކްޓް ކުރުމަށް އިސްކަންދީފައިވެ އެވެ. އަދި ހަރަމްފުޅުގެ ހަރިއްމަ ސަރަހައްދު ވެސް ކޮންމެ ދުވަހަކު ވެސް ޑިސްއިންފެކްޓް ކުރެ އެވެ.

ދުވާލަކު 10 ފަހަރު ހަރަމްފުޅު ސާފު ކުރުމުގެ މަސައްކަތުގައި ވަނީ 3.500 މަސައްކަތު މީހުން ބޭނުންކޮށްފަ އެވެ.

މި އަހަރުގެ ހައްޖު މޫސުމަށް ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެއްވެސް މީހަކަށް ގެފުޅުގައި އަތް ނުލެވޭ ގޮތް ވަނީ ހަދައިފަ އެވެ. ގައިދުރުކޮށް ތިބިގެން ތަވާފް ކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވީ 10،000 މީހުން ކަމަށް މީޑިއާތަކުން ބުނި ނަމަވެސް ސައުދީގެ ހައްޖު މިނިސްޓްރީން ކުރިން ބުނެފައި ވަނީ ހައްޖުގެ ފުރުސަތު ދީފައި ވަނީ 1،000 މީހުންނަށް ކަމަށެވެ. އެއީ މުޅިން ވެސް ސައުދީގައި އުޅޭ މީހުންނެވެ. ހައްޖުގެ އަޅުކަން އަދާކުރާނެ މީހުން ހޮވީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. ހައްޖުވެރިންގެ ހުރިހާ ޚަރަދެއް ބަލަހައްޓާފައި ވަނީ ސައުދީ ސަރުކާރުންނެވެ.