ޗައިނާ ކުންފުނީގެ ވެކްސިންގެ ޓްރަޔަލްތައް ހަތަރު ގައުމެއްގައި

ބެއިޖިން (އޮގަސްޓް 23) - ޗައިނާގެ ނޭޝަނަލް ބަޔޯޓެކް ގްރޫޕް (ސީއެންބީޖީ) އިން އުފެއްދި، ކޮރޯނާވައިރަހުގެ ވެކްސިންގެ ޓްރަޔަލްތައް ހަތަރު ގައުމެއްގައި ކުރިއަށް އެބަގެންދެ އެވެ.


ރޮއިޓާސް ނިއުސް އެޖެންސީން ބުނީ ކޮވިޑް-19 ގެ ބަލި މީހުން އެކަށީގެންވާ އަދަދަށް ޗައިނާ އިން ލިބެން ނެތުމުން ޓްރަޔަލްތައް މިހާރު ކުރިއަށް ގެންދަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ޕެރޫ، މޮރޮކޯ އަދި އާޖެންޓީނާގައި ކަމަށެވެ.

ވެކްސިންގެ ތިން ވަނަ ފޭހުގެ ޓްރަޔަލްތަކުގައި ގިނަ އަދަދެއްގެ މީހުން ބޭނުނެވެ އެވެ. އެއީ ވެކްސިން އަށް ހުއްދަ ދިނުމުގެ ކުރިން، ވެކްސިންގެ ކާމިޔާބު މިންވަރު ބެލުމުގެ ގޮތުންނެވެ.

ސީއެންބީޖީގެ ވެކްސިންގެ ފޭސް ތިނެއްގެ ޓްރަޔަލްތައް ޔޫއޭއީގައި ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައި ވަނީ ޖޫން މަހު އެވެ. އެ ގައުމުން މިހާތަނަށް ވަނީ 15،000 ވޮލަންޓިއަރުން ރެކްރޫޓްކޮށްފަ އެވެ. އޭގެ ފަހުން ޕެރޫ އާއި މޮރޮކޯ އަދި އާޖެންޓީނާ އިން ވަނީ ޓްރަޔަލްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފަ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މިހާރު ދަނީ ކޮރޯނާވައިރަހަށް 200 އަށް ވުރެ ގިނަ ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މި ގޮތުން ރަޝިޔާގައި އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިދިޔަ ހަފުތާގައި ދިނުމާ އެކު އެ ވެކްސިން އުފައްދަން މިހާރު ވަނީ ފަށައިފަ އެވެ.