ދުބާއީ (ޑިސެމްބަރު 10) - ކޮރޯނާވައިރަހަށް ޗައިނާގައި އުފެއްދި ވެކްސިން އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ގައުމަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވެއްޖެ އެވެ.

ޔޫއޭއީން ބުނެފައި ވަނީ ފޭސް ތިނެއްގެ ޓްރަޔަލްގައި، ޗައިނާގެ ނޭޝަނަލް ފާމަޝޫޓިކަލް ގްރޫޕް ނުވަތަ ސިނޯފާމްގެ ވެކްސިނުން ކޮރޯނާވައިރަހުން 86 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށް ދައްކާފައިވާ ކަމަށެވެ.

ޔޫއޭއީގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ ޗައިނާގެ ވެކްސިންގައި ސީރިއަސް ސޭފްޓީ ކަންބޮޑުވުންތަކެއް ނެތް ކަމަށެވެ. ނަމަވެސް ޓްރަޔަލްގައި ބޭނުންކުރި 31،000 މީހުންގެ ތަފްސީލް ޑޭޓާ ޔޫއޭއީ އަދި ސިނޯފާމުން ވެސް ހާމަކޮށްފައެއް ނުވެ އެވެ.

އަސްލު ވެކްސިން ދިން މީހުންގެ ތެރޭން ބަލިވީ ކިތައް މީހުންތޯ ނުވަތަ ފޭކް އިންޖެކްޝަން ދިން މީހުންގެ ތެރޭން ބަލިވީ ކިތައް މީހުންކަން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ވެކްސިން އިން ރައްކާތެރިކަން ލިބޭ މިންވަރާ ގުޅޭ ގޮތުން ބުނެފައި ވަނީ ޓްރަޔަލްގައި ބައިވެރިވި 99 ޕަސެންޓް މީހުންގެ ހަށިގަނޑުގައި ކޮރޯނާވައިރަހަށް ހަމަލާދޭ އެންޓިބޮޑީސް އުފެދިފައިވާ ކަމަށެވެ. އަދި ވެކްސިން ދިން މީހުންގެ ހަށިގަނޑުން ކޮވިޑުގެ އަލާމާތްތައް ނުފެންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ވެކްސިންގެ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ސިނޯފާމުން ހާމަނުކުރުމުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީން ބުނީ ޗައިނާގެ ވެކްސިންގެ ޓްރަޔަލްގައި 125 ގައުމެއްގެ މީހުން ބައިވެރިވި ކަމަށެވެ. ޓްރަޔަލްތައް ފަށާފައި ވަނީ ޖުލައި މަހު އެވެ. ޔުއޭއީން ވަނީ، އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށް އެ ވެކްސިން ސެޕްޓެމްބަރު މަހު ދޭން ފަށައިފަ އެވެ.

ޔޫއޭއީގެ ނައިބް ރައީސް އަދި ދުބާއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމަށް ވަނީ ޗައިނާގެ ވެކްސިންގެ ޑޯޒް ނޮވެމްބަރު މަހު ދީފަ އެވެ. އިމަޖެންސީ ޕްރޮގްރާމެއްގެ ދަށުން ޗައިނާގެ ކުންފުނީގެ ވެކްސިން ވަނީ އެ ގައުމުގެ އެއް މިލިއަން މީހުންނަށް މިހާތަނަށް ދީފަ އެވެ.

ޗައިނާގެ އިތުރު ތިން ކުންފުންޏަކުން ވެސް އުފައްދާ ވެކްސިން މިހާރު ވަނީ ތިން ވަނަ މަރުހަލާގަ އެވެ. ބެއިޖިންގައި ހިންގާ ބަޔޯފާމަޝޫޓިކަލް ކުންފުނި ސިނޯވެކްގެ ކޮރޯނާވެކް ވެކްސިން މިހާރު ވަނީ އިންޑޮނީޝިއާގައި ގިނަ ބަޔަކަށް ދޭން ތައްޔާރުވެފަ އެވެ.

އެމެރިކާގެ ފައިޒާ އާއި ބަޔޯއެންޓެކުގެ ވެކްސިނަށް އިނގިރޭސި ވިލާތުން ހުއްދަ ދިނުމަށް ފަހު އެ ގައުމުގައި މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފަ އެވެ. ފައިޒާގެ ވެކްސިން އިން 95 ޕަސެންޓް ރައްކާތެރިކަން ލިބޭ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

އޮކްސްފޯޑުގެ ވެކްސިން އާއި އެމެރިކާގެ މޮޑާނާގެ ވެކްސިނަށް ވެސް މިހާރު ވަނީ ހުއްދަ ދިނުމުގެ މަގުމަތީގަ އެވެ. ރަޝިޔާގައި އުފެއްދި ވެކްސިން ސްޕުޓްނިކް ވީ ވެކްސިން މިހާރު ވަނީ އެ ގައުމުގައި ދޭން ފަށައިފަ އެވެ.