ދުނިޔެ / މަސްޖިދުލް ހަރާމް

ހަތް މަހަށް ފަހު، މަދު ބަޔަކާ އެކު އުމްރާ ކުރަން ހަރަމްފުޅު ހުޅުވާލައިފި

މައްކާ - އޮކްޓޯބަރު 4، 2020: މައްކާގެ މާތްވެގެންވާ ހަރަމްފުޅު އާއްމުންނަށް ބަންދުކުރިތާ ހަތް މަސް ފަހުން، މަދު ބަޔަކާ އެކު އުމްރާގެ އަޅުކަން އަދާކުރަން ހުޅުވާލުމާ އެކު ތަވާފް ކުރަނީ، --ފޮޓޯ:އޭއެފްޕީ

މައްކާ (އޮކްޓޯބަރު 5) - ކޮރޯނާވައިރަސް ފެތުރޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މައްކާގެ މާތްވެގެންވާ ހަރަމްފުޅު އާއްމުންނަށް ބަންދުކުރިތާ ހަތް މަސް ފަހުން، މަދު ބަޔަކާ އެކު އުމްރާގެ އަޅުކަން އަދާކުރަން އިއްޔެ އިން ފެށިގެން ހުޅުވާލައިފި އެވެ.

އުމްރާގެ އަޅުކަން އަދާކުރަން ހުޅުވާލާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހުއްދަ ދޭނީ ދުވާލަކު 6،000 މީހުން އުމްރާ ކުރުމަށެވެ. އުމްރާ ކުރެވޭނީ 12 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި 500 މީހުން ހިމެނޭ ގޮތަށެވެ. އުމްރާ ކުރަން ފުރަތަމަ ހުއްދަ ދީފައި ވަނީ ސައުދީގައި އުޅޭ މީހުންނަށް އެކަންޏެވެ.

ކޮންމެ ގްރޫޕެއް އުމްރާކޮށް ނިމުމާ އެކު ހަރަމްފުޅު ސްޓެރިލައިޒް ކުރާނެ އެވެ. އެ ގޮތުން ދުވާލަކު 10 ފަހަރު ހަރަމްފުޅު ޑިސްއިންފެކްޓް ކުރާނެ އެވެ. އުމްރާ ކުރާ މީހުން ގެފުޅާ ކައިރިވެ، ހަޖަރަލް އަސްވަދުގައި ބޮސްދިނުމުގެ ފުރުސަތެއް މި ފަހަރު ނުލިބޭނެ އެވެ. ގެފުޅާ ކައިރި ނުވެވޭ ގޮތަށް ވަގުތީ ޕާޓިޝަނެއް ވަށައިގެން ވަނީ ޖަހައިފަ އެވެ. އުމްރާގެ އަޅުކަން އަދާކުރަމުންދާ އިރު ޚާއްސަ މެޑިކަލް ޓީމުތައް ހަރަކާތްތެރިވާނެ އެވެ. އުމްރާވެރިންގެ ތެރޭން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހަކު ފެނިއްޖެ ނަމަ އެކަހެރި ކުރުމަށް ޚާއްސަ އޭރިއާއެއް ވެސް ގާއިމްކުރާނެ އެވެ. ކޮންމެ 20 ނުވަތަ 25 މީހަކަށް ހެލްތު ވޯކަރެއް ހަރަކާތްތެރިވާނެ އެވެ. އުމްރާވެރިންގެ ހުން ބެލުމަށް ހަރަމްފުޅުގައި ވަނީ ތާމަލް ސެންސާ ހަރުކޮށްފަ އެވެ.

"މާތްވެގެންވާ ހަރަމްފުޅުގެ ދޮރުތައް އަނެއްކާވެސް ހުޅުވާލުމަކީ ލިބުނު ބޮޑު އުފަލެއް،" ސައުދީގައި އުޅޭ މިސްރު މީހެއް ކަމަށްވާ މުހައްމަދު ރަފާތު ބުންޏެވެ.

އުމްރާ ކުރުމުގެ ދެ ވަނަ ފިޔަވަހި ފަށާނީ އޮކްޓޯބަރު 18 ގަ އެވެ. ދެ ވަނަ ފިޔަވަހީގައި، އުމްރާގެ އަޅުކަމަށް ފަހު މަސްޖިދުއްނަބަވީ އަށް ޒިޔާރަތްކޮށް ދެ ހަރަމްގައި އަޅުކަން ކުރުމަށް ފުރުސަތު ދޭނެ އެވެ. އަދި މި ފިޔަވަހީގައި ހުއްދަ ދޭ މީހުންގެ އަދަދު 75 ޕަސެންޓަށް އިތުރުކުރާނެ އެވެ. އެއީ އުމްރާ ކުރުމަށް ދުވާލަކު ގާތްގަނޑަކަށް 15،000 މީހުންނަށެވެ. އަދި އެހެން އަޅުކަންތަކަށް 40،000 މީހުންނަށެވެ.

އެހެން ގައުމުތަކުން އަންނަ މީހުންނަށް އުމްރާގެ ހުއްދަ ދޭން ފަށާނީ ނޮވެމްބަރު 1 ގައި ފަށާ ތިން ވަނަ ފިޔަވަހީގަ އެވެ. އެއީ އުމްރާ އަށް ދުވާލަކު 20،000 މީހުންނާއި ދެ ހަރަމަށް ޒިޔާރަތްކޮށް އަޅުކަންކުރުމަށް 60،000 މީހުންނެވެ. މި އުސޫލު، ކޮވިޑް-19 ގެ ނުރައްކާ ނިމުމަކަށް އަންނަންދެން ނުވަތަ ވަކި ގޮތަކަށް ކަނޑައަޅަންދެން ދެމިއޮންނާނެ އެވެ. އުމްރާ އަށް މީހުން އަންނަ ގައުމުތައް ކަނޑައެޅުމާއި އަދަދު ކަނޑައެޅުމުގައި އެ ގައުމެއްގައި ކޮވިޑް-19 އޮތް ހާލަތަށް ވެސް ބަލާނެ އެވެ.

ކޮވިޑް-19 ފެތުރޭތީ އުމްރާގެ އަޅުކަން މެދުކަނޑާލީ މިދިޔަ މާޗް މަހު އެވެ. ހައްޖުގެ އަޅުކަން ވެސް އެންމެ ފަހުން ބޭއްވީ ސައޫދީގައި އުޅޭ މީހުންނަށް ބައިވެރިވެވޭ ގޮތަށް މަދު ބަޔަކާ އެކުގަ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ގާތްގަނޑަކަށް ހާހެއްހާ މީހުންނަށް ފުރުސަތު ދިން އިރު މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ވަނީ 2.5 މިލިއަން މީހުން ބައިވެރިވެފަ އެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ކޮރޯނާވައިރަހުގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެ އެވެ.

ސައުދީގައި މިހާރު ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށައިފަ އެވެ. އެ ގައުމުން ވަނީ 335،000 މީހުންނަށް ކޮވިޑް-19 ޖެހި 4850 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަބަރު

05 October 2020

އަހަންނަށް ނުދެވުނަސް ދެވޭބަޔަކަށް މަގުފަހިވެގެން ދިޔައީމަ ވަރަށް އުފާވޭ. އުންމީދަކީ އަހަންނަށްވެސް ހައްޖު އުމުރާ ވުމުގެ ފުރުސަތު ތަނަވަސްވެގެން ދިއުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454