ޑރ. ބިލާލް ފިލިޕްސްގެ ހާލުކޮޅު ދެރަވެ އެޑްމިޓްކޮށްފި

ދުނިޔެ އަށް މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ބިލާލް ފިލިޕްސްގެ ސިއްހީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފި އެވެ.


ދީނަށް ގޮވައިލެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ބިލާލްގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ ބިލާލް އިއްޔެ ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ކަމަށެވެ. އޭނާ އަށް އޮކްސިޖަން ދެމުން އަންނަ ކަމަށާއި އެހެން ފަރުވާތައް ވެސް ދެމުން އަންނަ ކަމަށް އެ ޕޯސްޓްގައިވެ އެވެ.

"...ހާލުކޮޅު އަންނަނީ ރަނގަޅުވަމުން. އެކަމަކު މިއަދު ކޮވިޑް-19 އަށް ޓެސްޓްކުރާނެ. ހުރިހާ ބޭފުޅުންގެ ދުއާގައި ބިލާލް ހިމެނުއްވުން އެދެން،" ފޭސްބުކް ޕޯސްޓްގައިވެ އެވެ.

ފޭސްބުކްގައި ބުނެފައިވާ ގޮތުގައި ބިލާލް އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

މީގެ ކުރިން ރާއްޖެ އަށް ވެސް ވަޑައިގެން ދީނީ ދަރުސްތައް ދެއްވާފައިވާ ބިލާލް މި އަހަރު ކުރީކޮޅު ވެސް ރާއްޖެ ގެންނަން ޔޫތު މިނިސްޓްރީން މަސައްކަތްކުރި އެވެ. ނަމަވެސް ފަހުން ވަނީ އެކަން މަޑު ޖައްސާލީ ކަމަށް ބުނެފަ އެވެ.