ޑރ. ބިލާލް ގެނައުން މަޑު ޖައްސާލުމުން ފާޑުކިޔަނީ

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އިސްވެރިންގެ ދެކޮޅުހެއްދެވުމާއެކު، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން މަޑު ޖައްސާލުމަށް ސަރުކާރުން ނިންމުމުން އެކަމަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.


ޒުވާނުންނަށް ހާއްސަ ކޮށްގެން، ބިލާލް ރާއްޖެ ގެނައުމަށް ނިންމިކަން އިއްޔެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާން ކުރެއްވުމުން އެކަމާ ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން އެމްޑީޕީގެ އިސް ބައެއް އެހެން ބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ.

ބިލާލަކީ ހަރުކަށި ފިކުރު ފަތުރުއްވާ ބޭފުޅެއް ތުހުމަތުކޮށް އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ އަމިއްލަ އަށް މަރުވެގެން ހަމަލާ ދިނުމާ ބެހޭ ގޮތުން އޭނާ ދެއްކެވި ކަމަށް ބުނާ ވާހަކަތަކެކެވެ. އަމިއްލަ އަށް މަރުވެގެން ހަމަލާދޭ މީހުން އެކަން ކުރަނީ އަސްކަރީ ގޮތުން އެ ވިސްނުމުގައި ކަމަށާއި އެކަން ކުރަންޖެހެނީ ދުޝްމިނުންގެ އަތުގައި މާ ވަރުގަދަ ހަތިޔާރު ހުރުމުން އެ ހަތިޔާރުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަމަށް ދޭހަވާ ގޮތަށް ބިލާލް ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކުރެ އެވެ.

އެމްޑީޕީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަގާމު ފުރުއްވާ މަހުލޫފް ވަނީ އުފައްދަމުންދާ ސުވާލުތަކާއި ކަންބޮޑުވުންތަކާ ހެދި ބިލާލްގެ އިވެންޓު މަޑުޖައްސާލާފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ. މަހްލޫފް ވިދާޅުވީ މިގޮތަށް ނިންމީ ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުގެ ލަފާ ހޯއްދެވުމަށް ކަމަށެވެ.

ފާޑުކިޔާ މީހުން ބުނާގޮތުގައި ބިލާލް ގެނައުމަށް އެމްޑީޕީގެ އިސް ބޭފުޅުން ދެކޮޅު ހަދަމުން ދަނީ ދީނީ ދަރުސް ރާއްޖޭގައި ދިނުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ. ބިލާލަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް އެ މީހުން ބުނެ އެވެ.

ބިލާލްގެ ދިފާއު ކުރައްވައި ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ބިލާލަކީ ކްރިސްޓިއަން ދީނުން އިސްލާމް ދީނަށް ބަދަލުވެވަޑައިގެން އިސްލާމީ ތައުލީމް ހާސިލް ކުރައްވާފައިވާ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ. އެހެންކަމުން ބިލާލްގެ ޝަހުސިއްޔަތު ކަތިލާ ބަޔަކަށް ދިވެހިން ނުވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"ޑރ. ބިލާލަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ނޫން. އަދި އެ ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެއްވެސް ނޫން. އެއީ އިލްމީ ބޭފުޅެއް. އެތައް ފޮތެއް ލިޔުއްވާފައިވާ ބޭފުޅެއް. އެތައް ތައުލީމީ މުއައްސަސާއެއް އިސްލާމީ އުއްމަތުގައި އުފެއްދެވި ބޭފުޅެއް،" މިހާތަނަށް ފަސް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައިވާ ބިލާލްގެ ދިފާއުގައި ޝަހީމް ވިދާޅުވި އެވެ.

ޝެއިހް އިލްޔާސް ކުރެއްވި ޓްވީޓެއް--

ބިލާލަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ނިންމައި ބައެއް ގައުމުތަކުން ވަނީ އޭނާ އެ ގައުމުތަކުގައި ދީނީ ދަރުސް ދިނުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާގެ އިތުރުން ޑެންމާކާއި ކެންޔާ ހިމެނެ އެވެ.

ބިލާލް ރާއްޖެ ގެނައުމާ ދެކޮޅަށް ނަޝީދު ވާހަކަ ދައްކަވާފައިވާއިރު އެއް ބަޔަކު ސިފަކުރާ ގޮތުގައި އެއީ އެމްއޭސީއެލުން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ދިގު މުއްދަތަކަށް، ކުޑަ އަގެއްގައި ޓީއެމްއޭއަށް ދިނުމުން އަމާޒުވެފައިވާ ފާޑުކިޔުންތައް އޮއްބާލުމަށް ކުރެއްވި ކަމެކެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ދީނީ އިލްމުވެރިންގެ ބޮލުގައި ތުހުމަތު އެޅުވުމަކީ އެމީހެއްގެ ހިތުގައި ދީނާމެދު ނަފްރަތު ވާކަމުގެ ހެއްކެއް ކަމަށެވެ.

ކެނެޑާ އަށް އުފަން ބިލާލް ޔޫތު މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގަންނަވަން ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 12-18 އަށެވެ. މީގެ ކުރިން ވެސް ބިލާލް ވަނީ ރާއްޖެ ވަޑައިގެން ދަރުސްތައް ދެއްވައިފަ އެވެ.