ބިލާލް ފިލިޕްސް، ރާއްޖެ ގެނައުމާ އެމްޑީޕީގެ ބައެއް ބޭފުޅުން ދެކޮޅު ހައްދަވަން ފައްޓަވައިފި

ދިވެހި ޒުވާނުންނަށް ދީނީ ނަސޭހަތް ދިނުމަށްޓަކައި، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ނިމުމުން އެއީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އެ ނިންމުމާ ދެކޮޅު ހައްދަވަން ފައްޓަވައިފި އެވެ.


ކެނެޑާ އަށް އުފަން ބިލާލް، މިހާތަނަށް ފަސް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން ދީނީ ނަސޭހަތް ދެއްވާފައި ވިޔަސް އެއީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ނިންމައި ބައެއް ގައުމުތަކަށް އޭނާ އެތެރެވުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ ގައުމުތައް ހިމެނެ އެވެ.

ނަމަވެސް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޒުވާނުންނަށް ހާއްސަ ކޮށްގެން، ތަހައްމަލު ކުރުމާއި އަމާންކަމާއި ރައްކާތެރިކަން ޕްރޮމޯޓު ކުރުމަށް އަންނަ މަހުގެ 12-18 ވަނަ ދުވަހާ ހަމައަށް ބިލާލް ރާއްޖޭގައި ހުންނަވާނެ ކަމަށެވެ. އެ ދައުވަތު ގަބޫލު ކުރެއްވުމުން މަހުލޫފު ވަނީ އޭނާ ބިލާލަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މަހުލޫފުގެ ޓްވީޓަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، އަހަރެމެން އެންމެން މިތިބީ ތަހައްމަލު ކުރުމާއި އަމާންކަމާއި ރައްކާތެރިކަން ވަރަށް ބޭނުންވެފައި ކަމަށެވެ. އެކަމަކު، އީވާ ވިދާޅުވީ ގޫގުލް އިން ސާޗް ކުރުމުން ވެސް އެކަމަށް އެންމެ އެކަށީގެން ވަނީ ބިލާލް ނޫންކަން އެނގޭނެ ކަމަށެވެ.

"އޭނާ އަކީ އޭނާ ޑިމޮކްރަސީއާ މެދު ގެންގުޅޭ ފަނާ ކުރަނިވި ވިސްނުުމުގެ އިތުރުން، ހައްދުފަހަނައަަޅައި ދިއުމުގެ ވިސްނުން ފެތުރުމާއި އަންހެނުންނާ މެދު ހަރުކަށި އަމަލުތައް ހިންގާ މީހެއް. މި ކަންތައް ހުއްޓާލާ،" އީވާގެ ޓްވީޓުގައި ވެ އެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި، ބިލާލް އަކީ އެކަމަށް އެންމެ އެކަށީގެންވާ ބޭފުޅާއެއް ނޫނެވެ. އޭނާގެ ހަރުކަށި ފިކުރުގެ ވިސްނުމުގެ ސަބަބުން މިހާރު ވެސް ގިނަ ގައުމުތަކަށް ވަނުން މަނާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެން މީހެއްގެ ޓްވީޓެއްގައި ބުނީ، ބިލާލް ރާއްޖެ ގެނައުމާ މެދު އެމްއެންޑީއެފް އަދި މޯލްޑިވް އިމިގްރޭޝަނުން ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށެވެ.