ނޭޕީޓޯ (މާޗް 4) - މިއަންމާ އަށް ފެބްރުއަރީ 1 ވަނަ ދުވަހު ގެނައި އަސްކަރީ ބަޣާވަތަށް ފަހު ރައްޔިތުންގެ ހިތްހަމަނުޖެހުމުގެ ޝުއޫރުތަކުގެ ތެރެއިން ފަށާފައިވާ ވަރުގަދަ މުޒާހަރާތަކުގެ ތެރެއަށް ސިފައިން ބަޑިޖެހުމުގެ ސަބަބުން 38 މީހުން އިއްޔެ މަރުވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
މިއީ މަދަނީ ސަރުކާރު ވައްޓާލި ފަހުން މިއަންމާގައި އެންމެ ބޮޑު ލޭއޮހޮރުވުން ހިންގި ދުވަހެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ސިފައިން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ރަބަރު ވަޒަން އަދި އަސްލު ވަޒަން ޖަހައިފަ އެވެ. ބަޣާވާތަށް ފަހު މިއަންމާގެ ރައްޔިތުން ފަށާފައިވާ މަދަނީ ބަސް ނޭހުމުގައި ގޮވާލަމުން ދަނީ އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް ޑިމޮކްރެޓިކް ލީޑަރު އަން ސަން ސޫކީ ދޫކޮށްލުމަށެވެ. ބަޣާވަތަށް ފަހު ސޫކީ ހުރީ ގޭބަންދުކޮށްފަ އެވެ.
ބުދަ ދުވަހުގެ ލޭހޮރުވުންތަކަށް ފަހު އިނގިރޭސިވިލާތުން ވަނީ މިއަންމާއާ ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާ ބާއްވަން ގޮވާލައިފަ އެވެ. އެމެރިކާ އިން ވަނީ މިއަންމާ އަށް އިތުރު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި އެވެ.
އދ.ގެ މަންދޫބު ވިދާޅުވީ މިއަންމާ އަށް ބަޣާވާތް ގެނައި ފަހުން ހިންގި ހަމަނުޖެހުންތަކުގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ ހަތިޔާރެއް ނެތް މެޑިކަލް ވޮލަންޓިއަރަކަށް ސިފައިން އަނިޔާކުރަމުންދާ މަންޒަރުގެ ވީޑިއޯއެއް ލިބިފައިވާ ކަމަށެވެ.
މިއަންމާ އިން ލިބެމުންދާ ރިޕޯޓްތައް ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ސިފައިން ބަޑިޖަހަން ފެށީ މާބޮޑު އިންޒާރެއް ވެސް ދިނުމެއް ނެތި އެވެ. މަރުވި މީހުންގެ ތެރޭގައި 14 އަދި 17 އަހަރުގެ ކުޑަ ދެ ކުދިން ވެސް ހިމެނެ އެވެ. ސޭވް ދަ ޗިލްރަން އިން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި 19 އަހަރުގެ އަންހެނަކު ވެސް ހިމެނެ އެވެ.
ބަޣާވާތަށް ފަހު މިއަންމާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް ސިފައިން ބުނަމުން ދަނީ ދޫނުދޭނެ ކަމަށެވެ. އދ.ގެ މަންދޫބު ވަނީ މިއަންމާގެ ސިފައިންގެ އިސް ޖެނެރަލުންނަށް އިތުރަށް ދަތިކުރުމަށް އެދިވަޑައިގެންފަ އެވެ.
މޮނިޓާރިން ގްރޫޕެއް ކަމަށްވާ އެސިސްޓެންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނާސް (އޭއޭޕީޕީ) އިން ބުނީ މިއަންމާގެ ބަޣާވާތަށް ފަހު 1،200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭން ގާތްގަނޑަކަށް 900 މީހުން ތިބީ ޖަލުގަ އެވެ.