މައްކާ (އެޕްރީލް 6) - ރޯދަ މަހުން ފެށިގެން އުމްރާ ކުރުމުގެ ފުރުސަތު ދޭނީ ކޮރޯނާވައިރަހުގެ ވެކްސިން ޖަހާފައިވާ މީހުންނަށް އެކަނި ކަމަށް ސައުދީ އަރަބިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

ސައުދީގެ ހައްޖާއި އުމްރާއާ ބެހޭ މިނިސްޓްރީން ބުނީ ވެކްސިން ޖަހާފައިވާ ކަމަށް ކަނޑައަޅާނީ ތިން ކެޓަގަރީއަކަށް ފެތޭ މީހުން ކަމަށެވެ؛ އެއީ ކޮރޯނާވައިރަހުގެ ދެ ޑޯޒް ޖަހާފައިވާ މީހުންނާއި އެއް ޑޯޒް ޖެހުމަށް ފަހު 14 ދުވަސްވެފައިވާ މީހުންން އަދި ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނެވެ. މިނިސްޓްރީން ބުނީ އުމްރާ ކުރުމާއި މައްކާގެ ހަރަމްފުޅުގައި ނަމާދު ކުރުމުގެ ފުރުސަތު ދޭނީ މި ކެޓަރީތަކަށް ފެތޭ މީހުންނަށް އެކަނި ކަމަށެވެ. މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތަށް ވެސް މި އުސޫލު ހިނގާނެ ކަމަށް ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ އާ އުސޫލަށް އަމަލު ކުރަން ފަށާނީ ރޯދަ މަހުން ފެށިގެން ކަމަށެވެ. ނަމަވެސް އެ އުސޫލް ކުރިއަށްދާނީ ކިހާ ދުވަހަކަށް ކަމެއް ނޭނގެ އެވެ. އަދި މި އަހަރުގެ މެދެއްހާ ހިސާބާ ދިމާވާ ހައްޖުގެ އަޅުކަމުގައި ވެސް މި އުސޫލަށް ތަބާވުން އޮންނާނެކަން ޔަގީނެއް ނޫނެވެ. ނަމަވެސް ސައުދީން ކުރިން ބުނެފައި ވަނީ ހައްޖުގެ އަޅުކަން އަދާކުރެވޭނީ ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށެވެ. އަދި ހައްޖުގެ އަޅުކަމަށް މި އަަހަރު ހުއްދަ ދެނީ ކިތައް މީހުންނަށް ކަމެއް ވެސް ނޭނގެ އެވެ.

ސައުދީން ވަނީ 393،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 6،700 މީހުން މަރުވެފަ އެވެ. ސައުދީ ހެލްތު މިނިސްޓްރީން ބުނީ 34 މިލިއަން މީހުންގެ އާބާދީއެއް އޮތް ގައުމުގެ ފަސް މިލިއަން މީހުންނަށް މިހާތަނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ސައުދީން މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައި ވަނީ ވަރަށް މަދު ބަޔަކާ އެކު އެވެ. ރަސްގެފާން ސަލްމާން މިދިޔަ މަހު ވަނީ ހައްޖު މިނިސްޓަރު މުހައްމަދު ބަންތަންގެ ބަދަލުގައި އީސަމް ބިން ސައިދަށް ހައްޖު މިނިސްޓްރީ ހަވާލު ކުރައްވައިފަ އެވެ.

ހަތް މަހަށް ފަހު ހަރަމްފުޅުގައި އާއްމުން ނަމާދު ކުރެވޭ ގޮތަށް ސައުދީން ހުޅުވާލީ އޮކްޓޯބަރު މަހު އެވެ.