އިޒްރޭލުން ފަލަސްތީނުގެ ރަށްތަކުގައި ހިންގަމުންދާ އުދުވާންތައް ހުއްޓައިލުމަށާއި، ގާޒާގައި ހިނގަމުންދާ ކުރިމަތިލުންތައް ވަގުތުން ހުއްޓައިލުމަށް، ވިލާތުގެ އިއްތިހާދުން އިޒްރޭލަށާއި ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ގޮވާލައިފި އެވެ.
އޮންލައިންކޮށް ބޭއްވި، ވިލާތުގެ އިއްތިހާދުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ފާސްކުރި ބަޔާނުގައި ބުނެފައިވަނީ، "މިހާރުގެ ހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ، ހުރިހާ ބާވަތެއްގެ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓައިލުމަށާއި، އަދި ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި މަދަނީން ހިމާޔަތްކުރުމަށްޓަކައި، ދެ ފަރާތުންމެ ހަމަލާތައް ބަދަލުކުރުން ހުއްޓައިލުމަށް" ކަމަށެވެ.
ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވީ، އެ އިއްތިހާދުގެ 27 ގައުމުގެ ތެރެއިން، އެ ބަޔާނަށް އެއްބަސްނުވަނީ ހަންގެރީ އެކަނި ކަމަށެވެ. އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތުން، ގާޒާގެ ގިނަ އަދަދެއްގެ އާންމުން މަރުވުމަކީ، ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލައި، ފަލަސްތީނު މައްސަލަ އަށް ސުލްހަވެރި ސިޔާސީ ހައްލެއް ހޯދުމަށް ވިލާތުގެ އިއްތިހާދުން ގޮވައިލި ނަމަވެސް، މައްސަލަ ހައްލުކުރަން އެ ޖަމާއަތުން އަޅާނެ ފިޔަވަޅުތަކަކާ މެދު، އެ ގައުމުތަކަށް އެއްބަހެއް ނުވެވެ އެވެ.
ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ފެށުމުގެ ކުރިން، އިޒްރޭލުން ވަނީ، އެ ބައްދަލުވުމުގައި ހަމާސް ކުށްވެރިކޮށްދިނުމަށް ވިލާތުގެ ގައުމުތަކަށް ގޮވާލައިފަ އެވެ. މިކަމަށް ގޮވައިލައްވަމުން، ވިލާތުގެ އިއްތިހާދުގައި ހުންނަ އިޒްރޭލުގެ މިޝަންގެ ވެރިޔާގެ ނައިބު، ވާލިދު އަބޫ ހަޔާ ވިދާޅުވީ އިޒްރޭލަކީ ވިލާތުގެ ޒަމާންވީ ރަހްމަތްތެރިއެއް ކަމަށާއި، އިޒްރޭލުން ބޭނުންވަނީ، ވިލާތުގެ އިއްތިހާދުން ވަރަށް ފާޅުގައި ވަރަށް ސާފުކޮށް، އިޒްރޭލު ކުށްވެރިކޮށްދިނުމަށެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، މިހާތަނަށް ފަލަސްތީނުގެ 215 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ އެވެ. އޭގެ ތެރޭގައި 60 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި 1400 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
އިޒްރޭލުގެ އުދުވާންތަކަށް ރައްދު ދިނުމުގެ ގޮތުން، ހަމާސް ޖަމާއަތުންނާއި އިސްލާމިކް ޖިހާދު ޖަމާއަތުން ދިން ރޮކެޓް ހަމަލާތަކުގައި އިޒްރޭލުގެ 10 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އިޒްރޭލުން ގާޒާ އަށް ހަމަލާތައް ދޭން ފެށި ފަހުން އިއްޔެއަކީ، ހަމަލާތައް އެންމެ ވަރުގަދަވި ދުވަހެވެ.
އިޒްރޭލުގެ މަތިންދާބޯޓުތަކުން ޣައްޒާގެ އެކި އިމާރާތްތަކަށް އަމާޒުކޮށް 70 އަށް ވުރެ ގިނަ ހަމަލާ ދިން އިރު، އިއްޔެގެ ހެނދުނުން ފެށިގެން އިރު އޮއްސެންދެން، ގާޒާގެ ތެރެއިން އިޒްރޭލުގެ އެކި ސަރަހައްދުތަކަށް، މެދުނުކެނޑި ރޮކެޓް ހަމަލާތައް ދިނެވެ.