އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ފަށައިގެން ކުރިއަށް ގެންދާ އުދުވާނީ ހަމަލާތައް ހުއްޓުވުމުގެ މައްސަލައިގައި ޔޫރަޕިއަން ޔުނިއަން (އީޔޫ)ގައި ހިމެނޭ ގައުމުތަކުގެ މެދުގައި ވަރަށް ބޮޑަށް ބައިބައިވުން އުފެދިއްޖެ އެވެ.
ޑިޕްލޮމޭޓުން ވިދާޅުވާ ގޮތުގައި ވިލާތުގެ އިއްތިހާދުން އިސް ނަގައިގެން، ރޭ ބާއްވަން ތާވަލުކުރި، ވިލާތުގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ފެށުމަށް ކުޑަތަންވަމުން ދިޔައިރު، ވިލާތުގެ ގައުމުތަކުން ފެނުނީ، ފަލަސްތީނު މައްސަލައިގައި މީގެ ކުރިން ނުފެންނަ ވަރުގެ ބައިބައިވުމެކެވެ. މީގެ ކުރިން އިޒްރޭލުން ފަލަސްތީނަށް ދިން އުދުވާނީ ހަމަލާތަކާ ދެކޮޅު ނުހަދާ މިންވަރަށް، ވިލާތުގެ ބައެއް ގައުމުތަކުން މިހާރު ދަނީ ދެކޮޅު ހަދަމުންނެވެ. އަދި މީގެ ކުރިން ފަލަސްތީނުގެ ހައްގުގައި ބަސް ނުބުނާ މިންވަރަށް، ވިލާތުގެ ބައެއް ގައުމުތަކުން މިހާރު އަންނަނީ އަޑު އުފުލަމުންނެވެ.
އީޔޫ އިއްތިހާދުގައި ހިމެނޭ 27 ގައުމުގެ ތެރެއިން ފަސް ގައުމެއް ވަރަށް ފާޅުގައި މިހާރު ވާހަކަ ދައްކަމުން އަންނަނީ ފަލަސްތީނުގެ ދިފާއުގަ އެވެ. އެއީ ލަގްޒަމްބާގް، ބެލްޖިއަމް، އަޔަލޭންޑް، މޯލްޓާ އަދި ފިންލޭންޑެވެ.
މި ގައުމުތަކުން ބުނި ގޮތުގައި، ފަލަސްތީނު ރައްޔިތުންނަށް އެހީވުމުގަޔާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެހީތެރިވެދިނުމުގައި ވިލާތުގެ އިއްތިހާދުން މިހާރަށް ވުރެ މުހިންމު ދައުރެއް އަދާކުރަންޖެހެ އެވެ.
ބެލްޖިއަމްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ސައިމަން މޮޓްކީން، ފޭސްބުކްގައި ލިޔުއްވާފައިވަނީ، އިޒްރޭލުން ފަލަސްތީނަށް ބޮންތައް އަޅަމުން ދާއިރު ވެސް ވިލާތުގެ އިއްތިހާދު އިޚްތިޔާރު ކުރީ ހަނުހުރުމެވެ. ބެލްޖިއަމްގެ ގާނޫނު ހަދާ މަޖިލީހުގެ އެހެން ބައެއް މެންބަރުން ގޮވައިލައްވަމުން ގެންދަވަނީ، އިޒްރޭލާ ދެކޮޅަށް ވިލާތުގެ ގައުމުތަކުން ފިޔަވަޅު އެޅުމަށެވެ.
މިއާ ހިލާފަށް ވިލާތުގެ އެހެން ބައެއް ގައުމުތަކުން ފާޅުގައި ބުނަމުން ދަނީ، އިޒްރޭލުގެ މަސްލަހަތު ހިމާޔަތް ކޮށްދިނުމަށެވެ. އޭގެ ތެރޭގައި، ހަންގެރީ، އޮސްޓްރިއާ، ޗެކް ރިޕަބްލިކް، ގްރީސް، ސައިޕްރަސް އަދި ޕޮލޭންޑް ހިމެނެ އެވެ. އެގޮތުން އޮސްޓްރިއާ ސަރުކާރުން މިހާރު ވަނީ، އިޒްރޭލާ ބައިވެރިވުމުގެ ގޮތުން، އޮސްޓްރިއާގެ ޗާންސެލަރުގެ އޮފީހުގެ ރަސްމީ ދިދަ ދަނޑިއަށް އިޒްރޭލުގެ ދިދަ ވެސް ނަގައިފަ އެވެ.
ވިލާތުގެ އެންމެ ބާރުގަދަ އެއް ގައުމު އަދި ނާޒީ ސިފައިން ޔަހޫދީންނާ ދެކޮޅަށް ހިންގި އުދުވާނުތަކުގެ ސަބަބުން، ޔަހޫދީންގެ ނަފްރަތުން އަދިވެސް މިންޖު ނުވެވިގެން އުޅޭ ޖަރުމަން ވިލާތް ވެސް އޮތީ، އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް އަޅަން ތައްޔާރަކަށް ނޫނެވެ.
ވިލާތުގެ އިއްތިހާދަކީ އިޒްރޭލުގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ އެވެ. ހަމަ އެފަދައިން ފަލަސްތީނަށް އެންމެ ބޮޑަށް އެހީވާ ގައުމުތަކަކީ ވެސް ވިލާތުގެ އިއްތިހާދުގެ ގައުމުތަކެވެ. (އަރަބް ޕޯސްޓް)