ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޖަމާއަތް ބަލިކަށިކުރުމަށް، އިޒްރޭލުން ހަމާސްއަށް ފައިސާ ދީ ބާރުވެރިކުރުވި ކަމަށް ޔޫރަޕިއަން ޔުނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް ތުހުމަތުކުރައްވައިފި އެވެ.

އިޒްރޭލު ސަރުކާރާ ދެކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް މިގޮތަށް ތުހުމަތުކުރެ އެވެ. އިޒްރޭލުން ހަމާސް އަށް ފަންޑުކުރުމުގެ އިތުރުން ގަތަރުން ހަމާސްއަށް ދޭ ފައިސާ ނުހުއްޓުވައި ހަމާސްއަށް ލިބޭނެ މަގުތައް ތަނަވަސްކޮށްދީގެން އިޒްރޭލުން ތިބޭ ކަމަށް ވެސް މިގޮތަށް ތުހުމަތުކުރާ މީހުން ބުނެ އެވެ.

"އެއީ ތެދެއް. ފަލަސްތީނުގެ ވެރިކަންކުރާ ފަތަހް ޖަމާއަތް ބަލިކަށިކުރުމަށް އިޒްރޭލު ސަރުކާރުން ހަމާސް އަށް ފަންޑުކުރި،" މިދިޔަ ހަފްތާގައި ސްޕެއިންގެ ޔުނިވަސިޓީ އޮފް ވައިއުޑްލިޑްގައި ދެއްވި ސްޕީޗެއްގައި ބޮރެލް ވިދާޅުވި އެވެ.

ބޮރެލް ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ ސުލްހެވެރިކަމާ އެކު ހައްލުވާނެ ހަމައެކަނި ގޮތަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުން ކަމަށެވެ.

"އަހަރެމެން މި ގަބޫލުކުރަނީ އެހެން ބަޔަކު މަޖުބޫރު ކުރުވައިގެން އިޒްރޭލާއި ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް ހެދުމުން ސުލްހަ ގާއިމުވާނެ ކަމަށް. އެކަަމަކު އެ ވާހަކަ ވެސް މި ދައްކަނީ އެކަމަށް އިޒްރޭލުން ދެކޮޅު ހަދާ ހާލަތުގައި،" ބޮރެލް ވިދާޅުވި އެވެ.

އިޒްރޭލުން ހަމާސް ބާރުވެރިކުރުވަން އެހީވި ކަމަށް، ބައިނަލްއަގުވާމީ މައިދާނުގައި ނުފޫޒު ގަދަ ބޭފުޅަކު ތުހުމަތުކުރައްވާފައި ވާއިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކި ފަހަރުމަތިން ވަނީ މި ތުހުމަތަށް އިންކާރުކުރައްވައިފަ އެވެ.

ހަމާސް އިން މިދިޔަ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު އިޒްރޭލަށް ދިން ކުއްލި ވަރުގަދަ ހަމަލާތަކަށް ފަހު ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ޣައްޒާއަށް ހަމަލާ ދެމުން ގެންދާތާ މިހާރު ވަނީ ތިން މަސް ވެފަ އެވެ. ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 25،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އަދިވެސް ހަމަލާތައް ހުއްޓާލާނެ ކަމުގެ ނިޝާނެއް ނުފެނެ އެވެ.