އުއްތަރަ ޕްރަދޭޝް (ޖޫން 18) - އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝްގައި ގަންގާ ކޯރުގައި ލަކުޑި ފޮއްޓަކަށްލާފައިވާ 21 ދުވަސްވީ ތުއްތު އަންހެން ކުއްޖަކު ސަލާމަތްކޮށްފި އެވެ.
އެ ކުއްޖާ ސަލާމަތްކުރި ގުއްލީ ޗައުދަރީ ބުނީ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އިވިގެން އެ ފޮއްޓާ ހަމައަށް ގޮސް ހުޅުވާ ބެލިއިރު އޮތީ ރަތް ކުލައިގެ ސްކާފަކަށްލާފައިވާ ކުޑަ ކުއްޖެއް ކަމަށެވެ. ފޮށިތެރެ ވަނީ ހިންދޫންގެ ކަލާނގެއެއްގެ ފޮޓޯއަކުން ޒީނަތްތެރިކޮށްފަ އެވެ.
ކުޑަ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް އެ ކުއްޖާގެ ހާލަތު ވަނީ މޮނިޓާކޮށްފަ އެވެ. އަދި ފަހުން ޝެލްޓާ ހޯމަކަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.
އޮފިޝަލުން މިހާރު ދަނީ އެ ކުއްޖާ ގަންގާ ކޯރަށް ލީ ކާކުތޯ ބެލުމަށް ތަހުގީގު ކުރަމުންނެވެ. ބެލެވޭ ގޮތުން އެއީ އިންޑިއާގައި އޮންނަ ޖިންސުގެ ތަފާތު ކުރުމުގެ ތެރެއިން އަންހެން ކުއްޖެއްވީމާ އާއިލާ އިން ހަވާލުނުވެ ދޫކޮށްލީ އެވެ. އިންޑިއާގެ ފަގީރު ބައެއް މުޖްތަމައުތަކުގައި އަންހެން ދަރިންނަކީ ބޮޑު ބުރައެއް ކަމަށް ބަލަ އެވެ. އަދި އަންހެން ކުއްޖެއް ނަމަ ވިހެއުމުގެ ކުރިން ވައްޓާލުމުގެ މައްސަލަ ވެސް ބޮޑެވެ. އެހެންވެ ބަނޑުގައި އޮންނަ ތުއްތު ކުއްޖާގެ ޖިންސް ބެލުން އިންޑިއާގައި އޮންނަނީ މަނާކޮށްފަ އެވެ.
ފުލުހުން ބުނީ ކުޑަ ކުއްޖާ އޮތް ފޮށީގެ ތެރޭގައި ހޮރޮސްކޯޕް ކާޑެއް އޮތް ކަމަށާއި އޭގައި އެ ކުއްޖާ ވިހޭ ދުވަހާއި ގަޑި ޖަހާފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ނަމަކީ ގަންގާ ކަމަށް ބުނެފައިވެ އެވެ.
ސްޓޭޓް ސަރުކާރުން ބުނެފައި ވަނީ ކުޑަ ކުއްޖާ ބެލުމުގެ ޚަރަދާ ހަވާލުވާނެ ކަމަށެވެ. ޗީފް މިިނިސްޓަރު ޔޯގީ އަދިތިޔަނާތު ވިދާޅުވީ ކުއްޖާ ސަލާމަތް ކުރި މީހާ އަށް ސަރުކާރުން ޚާއްސަ އިނާޔަތް ދޭނެ ކަމަށެވެ. އިންސާނިއްޔަތަށް ނަމޫނާ ދައްކާފައިވާތީ ހަދިޔާއަކަށް އޭނާ އަށް ގެއެއް ދޭނެ ކަމަށް ޗީފް މިނިސްޓަރު ވިދާޅުވި އެވެ.
ކުއްޖާ ސަލާމަތްކުރި ޗައުދަރީ ބުނީ ކޯރުގެ އައްސޭރީގައި ތިބި މީހުންނަށް ކުޑަ ކުއްޖާގެ ރުއިމުގެ އަޑު އިވުނު ކަމަށާއި އެކަމަކު އެއްވެސް މީހަކަށް އެ ކުއްޖާ ސަލާމަތް ކުރަންދާން ނުކެރުނު ކަމަށެވެ. އެންމެ ފަހުން އޭނާ ގޮސް ފޮށި ހުޅުވާ ކުއްޖާ ސަލާމަތްކުރީ ކަމަށް ބުންޏެވެ.
ކުއްޖާ ސަލާމަތްކޮށްގެން އެންމެ ފުރަތަމަ ގެންދިޔައީ ޗައުދަރީގެ ގެއަށެވެ. ފަހުން ފުލުހުން އެ ގެއަށް ގޮސް އެ ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.