އިޒްރޭލުގައި ފެތުރުނު ބިޔަ އަލިފާންގަނޑު ނިއްވާލައިފި

ތެލް އަވީވް (ނޮވެމްބަރު 27) - އިޒްރޭލުގެ ބައެއް ހިސާބުތަކާއި ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދު ކުރުވައިފައިވާ ބައެއް ހިސާބުތަކުގެ ޖަންގަލިތަކުގައި ރޯވެ ފެތުރެމުންދިޔަ ބިޔަ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް އިޒްރޭލުގެ އަލިފާން ނިއްވާ ޓީމުތަކުން ބުނެފި އެވެ.


"އަނދަމުންދާ އެއްވެސް އަލިފާނެއް މިހާރު ނެތް. ރެއިން ފެށިގެން އަލިފާން ވަނީ ކޮންޓްރޯލް ކުރަން ފަށާފައި،" އިޒްރޭލުގެ ފަޔާ އެންޑް ރެސްކިއު ޚިދުމަތުގެ ތަރުޖަމާން ޔޯރަމް ލެވީ އޭއެފްޕީ އަށް މިއަދު ވިދާޅުވި އެވެ.

ރާމުﷲއާ ކައިރި ހިސާބުތަކުގައި ރޯވި އަލިފާން ނިއްވާލުމަށް އިޒްރޭލުގެ އަލިފާން ނިއްވާ ބޯޓަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

އިޒްރޭލުގެ އެކި ހިސާބުތަކުގައި މިދިޔަ އަންގާރަ ދުވަހު ރޯވަން ފެށި އަލިފާން އެންމެ ބޮޑަށް ފެތުރިފައި ވަނީ ބަނދަރުމަތީގެ ސިޓީއެއް ކަމަށްވާ ހައިފާގަ އެވެ. އެ ސިޓީން އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އެ މީހުން ވެސް މިހާރު އެނބުރި އަންނަން ފަށާފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ.

އަލިފާން ނިއްވުމުގައި ވަނީ ރަޝިޔާ، ތުރުކީ، ގްރީސް، ފްރާންސް، ސްޕޭން، ކެނެޑާ، އެމެރިކާގެ އިތުރުން ފަލަސްތީނުން ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އިޒްރޭލް ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ބައެއް ހިސާބުތަކުގައި ވަނީ ގަސްދުގައި އަލިފާން ޖަހައިފަ އެވެ. އަދި އަލިފާން ޖެހިކަމުގެ ތުހުމަތުގައި ވަނީ 23 މީހުން ހައްޔަރުކޮށްފަ އެވެ.