ރަޝިޔާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން ދާ ކޮވިޑް ވަބާ ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ ހުރިހާ އޮފީސްތަކާއި އަމިއްލަ އޮފީސްތަކާއި ކުންފުނިތައް ވެސް ބަންދު ކުރުމަށް، ރައީސް ލަޑިމިއާ ޕުޓިން ނިންމަވައިފި އެވެ.
ރަޝިޔާ ސަރުކާރުގެ އިސް ވެރިންނާ އިއްޔެ ބައްދަލު ކުރައްވައި ރައީސް ޕުޓިން ވިދާޅުވި ގޮތުގައި މިހާރު ހަމަޖެހިފައި އޮތް ގޮތުން، މުވައްޒަފުންގެ މުސާރައިން ނުކަނޑާ ގޮތަށް ދޭ އެއް ހަފުތާގެ ޗުއްޓީ ފެށޭނީ މިހިނގާ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު އެވެ. ޗުއްޓީ ނިމޭނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕުޓީން ވިދާޅުވި ގޮތުގައި މި ޗުއްޓީ، މިހާރު ކަނޑައަޅާފައި އޮތް ތާރީޚަށް ވުރެ ކުރިން ވެސް ފަށަން ޖެހިދާނެ އެވެ. އަދި ފަހަރެއްގައި ޗުއްޓީގެ އުސޫލު ދަމަހައްޓާނީ ވަކި ސަރަހައްދުތަކެއްގައި ކަމަށް ވެސް ކަނޑައެޅިދާނެ އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެއް ހަފުތާ ބަންދުކުރަން ސަރުކާރުން މި ނިންމީ، އެ ގައުމުގައި އަމިއްލަ އަށް އުފައްދާފައިވާ "ސްޕުޓްނިކް ވީ" ވެކްސިން ޖެހުމަށް، ރައްޔިތުންގެ ފަރާތުން މާބޮޑު ތަރުހީބެއް ނުލިބި، ގިނަ ބަޔަކަށް މި ބަލި ޖެހެމުންދާ ދަނޑިވަޅެއްގަ އެވެ.
ޕުޓިން ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމަށް އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ތަރުހީބު ވަރަށް ކުޑަ އެވެ. ހަލުވިކަމާއެކުގައި ކޮވިޑް ފެތުރެމުން ދަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންގެ އަދަދު މަދުކަމުން ކަމަށްވެސް ޕުޓިން ވިދާޅުވި އެވެ.
ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ރަޝިޔާގެ އެކި ސްޓޭޓްތަކުގައި މިހާރުވެސް ވަނީ ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ. އެ ގޮތުން، އުމުރުން 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ނުޖަހާ މީހުން، ހަތަރު މަސް ވަންދެން ގެއިން ނުކުތުން، މިދިޔަ އަންގާރަ ދުވަހުން ފެށިގެން މޮސްކޯގައި ވަނީ މަނާކޮށްފަ އެވެ.
ރަޝިޔާގައި މިހާތަނަށް 8.9 މިލިއަން މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 34073 މީހަކަށް އަލަށް މި ބަލި ޖެހުނު ކަމަށް ރެކޯޑް ކުރެވުނެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 1028 މީހަކު މަރުވި އެވެ.