ލިޒްބަން (ޖޫން 13) - އެއް ހަފުތާ އަށް ދިގު ދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު، ބެންފީކާގެ ޑާވިން ނޫނޭޒް ލިވަޕުލަށް ވިއްކާލާނެ އަގަކާ މެދު، ދެ ކްލަބްގެ ދެމުދުގައި އެއްބަސް ވެއްޖެ އެވެ.

އުރުގުއޭގެ ފޯވާޑް ލިވަޕޫލަށް ވިއްކާލަން، ބެންފީކާއިން އެއްބަސް ވަނީ 78.6 މިލިއަން ޑޮލަރަށެވެ. އެ އަގާ މެދުގައި މަޝްވަރާ ކުރުމަށް، ލިވަޕޫލްގެ ސްޕޯޓިން ޑައިރެކްޓާ ހޫލިއަން ވާޑް ވަނީ، ލިޒްބަން އަށް އަށް ދަތުރުކޮށް ބެންފީކާގެ ކުރީގެ ކުޅުންތެރިޔާ އަދި އެ ކްލަބްގެ މިހާރުގެ ރައީސް ރުއީ ކޮސްޓާ އާއެކު ސީދާ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

ސްޕެއިންގެ އަލްމީރިއާ އަށް ކުޅެމުން ދަނިކޮށް 2020 ގައި ބެންފީކާއިން ނޫނޭޒް ގަތީ 29 މިލިއަން ޑޮލަރަށެވެ.

ނޫނޭޒްގެ ޓްރާންސްފާގެ އަގު ފައިނަލުވީ، އެންމެ ފުރަތަމަ ބެންފީކާއިން ޑިމާންޑް ކުރި އަގަށް ވުރެ އަށް މިލިއަން ޑޮލަރު ހެޔޮކޮށެވެ. ޖެނުއަރީ މަހު، ޕޯޓޯ އިން ލިވަޕޫލަށް ސޮއި ކުރުވި ލުއިސް ޑިއާޒްގެ ޓްރާންސްފާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ވެސް އިސްކޮށް އުޅުނު ވާޑް އާއި ކޮސްޓާ ކުރި މަޝްވަރާތަކުގައި އަގު ދަށް ކުރުމަށް ބެންފީކާއިން އެއްބަސްވީ ކަމަށް އިނގިރޭސި މީޑީއާތަކުން ބުނެ އެވެ.

ދެ ކްލަބްގެ ދެމެދުގައި ޓްރާންސްފާގެ އަގާ މެދު އެއްބަސް ވުމުގެ ކުރިން ލިވަޕޫލުން ވަނީ ނޫނޭޒް އާއެކު އެއްބަސްވުމަކަށް އައިސްފަ އެެވެ.

ނޫނޭޒް، 22 އާއެކު ހަ އަހަރުގެ މުއްދަތަށް އެއްބަސްވުން ހަދަން ލިވަޕޫލުން ދަނީ ތައްޔާރު ވަމުންނެވެ. މިއަދު އޭނާގެ މެޑިކަލް ޓެސްޓްތައް ހައްދާނެ އެވެ. ލިވަޕޫލުން އޭނާގެ ޓްރާންސްފާގައި ކުރި ހޯދީ ޕީއެސްޖީން ވެސް އޭނާ އަށް ޝައުގުވެރިކަން ފާޅު ކޮށްފައި ވަނިކޮށެެވެ.

މިދިޔަ ސީޒަންގައި ބެންފީކާގައި ކުޅުނު 41 މެޗުގައި 34 ލަނޑު ޖެހި ނޫނޭޒް ގެންދަން ލިވަޕޫލުން މަސައްކަތް ފެށީ، ކްލަބް ދޫކޮށްލަން ބޭނުން ވާކަމަށް ސެނެގާލްގެ ފޯވާޑް ސެޑިއޯ މާނޭ އެންގުމުންނެވެ. މާނޭ ގެންދަން ބަޔާނުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާ އަށް ފުރަތަމަ މަރުހަލާގައި ބަޔާނުން ހުށަހެޅި 36 މިލިއަން ޑޮލަރުގެ ބިޑް ބަލައި ނުގަންނަން ލިވަޕޫލުން ވަނީ ނިންމައިފަ އެވެ.