މިޔުނިކް (ޖުލައި 27) - ކްރިސްޓިއާނޯ ރޮނާލްޑޯ ބަޔާން މިޔުނިކަށް ނުގެންދަން ނިންމީ، އެ ޓީމުގެ މިހާރުގެ ފިލޯސަފީ އަށް އޭނާ ނުފެތޭތީ ކަމަށް، އެ ކްލަބްގެ ސީއީއޯ އޮލިވާ ކާން ވިދާޅުވެއްޖެ އެވެ.
އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ނުކުޅޭތީ، ރޮނާލްޑޯ އަންނަނީ ޗެމްޕިއަންސް ލީގު ކުޅެން ޓީމެއް ހޯދަމުންނެވެ. ރޮނާލްޑޯގެ ޓްރާންސްފާ ޕެކޭޖް ބަޔާން އަށް ވެސް އޭނާގެ އެޖެންޓް ޖޯޖް މެންޑެސް ހުށަހެޅި އެވެ. އެކަމަކު ބަޔާން އިން ވަނީ ރޮނާލްޑޯ ސޮއި ކުރުވަން ޝައުގުވެރި ނުވާކަން ހާމަކޮށްފަ އެވެ.
ބަޔާންގެ ކުރީގެ ގޯލް ކީޕަރު ކާން ވިދާޅުވީ ބަޔާންގެ އެތެރޭގައި އެކަމާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި އޭނާ ބަލައި ގަންނަން ވިސްނި ކަމަށް ވެސް ކާން ވިދާޅުވި އެެވެ.
"ރޮނާލްޑޯގެ ފެންވަރު އަގު ވަޒަން ކުރާ ހާލު އަހަރެމެންނަށް ނިންމުނީ ބަޔާންގެ މިހާރުގެ ފިލޯސަފީ އަށް އޭނާ ނުފެތޭނެކަން. އެހެންވެ އެ ޓްރާންސްފާގައި ކުރިއަށް ނުދިއުމަށް ނިންމީ،" ކާން ވިދާޅުވި އެވެ.
މެންޑެސް ވަނީ، ރޮނާލްޑޯގެ ޓްރާންސްފާ ޕެކޭޖް، ޗެލްސީ އަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ޗެލްސީ އަށް މިވަގުތު އެޓޭކަރެއް ބޭނުން ނުވާ ކަމަށެވެ. ރޮނާލްޑޯގެ ޓްރާންސްފާ އާ ބެހޭގޮތުން މިހާރު ވާހަކަ ދައްކަނީ އެތުލެޓިކޯ މެޑްރިޑާ ގުޅުވަ އެވެ. އެ ވާހަކަތައް ފެތުރޭން ފެށުމުން އެތުލެޓިކޯގެ ސަޕޯޓަރުން ވަނީ ރޮނާލްޑޯ އާ ދެކޮޅު ކެމްޕޭނެއް ފަށައިފަ އެވެ.