31 ޖުލައި 2022 - 08:28
ލެސްޓާ (ޖުލައި 31) - އިނގިރޭސި ސީޒަން ހުޅުވަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ރޭ މެންޗެސްޓާ ސިޓީ އަތުން 3-1 އިން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ އާ ފޯވާޑް ޑާވިން ނޫނޭޒް ދެއްކި ކުޅުމަށް ކޯޗު ޔާގެން ކްލޮޕް ތައުރީފުކޮށްފި އެވެ.
ކްލަބުގެ ރެކޯޑް ފީއަކަށް ޕޯޗުގަލްގެ ބެންފީކާ އިން ގެނައި އުރުގުއޭގެ 23 އަހަރުގެ ފޯވާޑް ރޭ ކުޅެން އެރީ ފަހު 30 މިނެޓަށެވެ. އޭރު ލިވަޕޫލް އޮތީ ލީޑުގަ އެވެ. އެކަމަކު އޭގެ ފަހުން ސިޓީން އެއްވަރުކުރި އެވެ.
ސިޓީ އިން އެއްވަރު ކުރިތާ މާގިނައިރެއް ނުވެ ލިވަޕޫލުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ ނޫނޭޒް ހޯދައިދިން ޕެނަލްޓީއަކުން މުހައްމަދު ސަލާހު ޖެހި ލަނޑުންނެވެ. މިއީ ނޫނޭޒް ބޮލުން ފޮނުވާލި ހަމަލާއެއް ސިޓީގެ ކެޕްޓަން ރުބެން ޑިއާޒް އަތުގައި ބޯޅަ ޖެހުމުން، ވީއޭއާރު ބެލުމަށް ފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. ނޫނޭޒް ގޯލް ޖެހީ އިތުރު ވަގުތުގަ އެވެ.
"އޭނާ ވަރަށް ރަނގަޅު، ވަރަށް ބޮޑަށް ރަނގަޅު. ކުރިމަގުގައި މިހާރަށް ވުރެ ރަނގަޅުވާނެކަން ވަރަށް ސާފު. އަހަރެމެން މި އުޅޭ ދުނިޔޭގައި ކޮންމެ މީހަކުވެސް ފުރަތަމަ ނަޒަރުން މީހުންނާމެދު ގޮތް ނިންމާ. އެއިން އެކަކަށް ވެސް ފައިދާއެއް ނުކުރާނެ، އެކަމަކުވެސް އެކަން އެބަ ކުރޭ،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ ނޫނޭޒް އެރުމާ އެކު އޭނާއަށް ދޭ ބޯޅަތައް ގިނަކޮށް، އޭނާ ލައްވައި މަސައްކަތް ކުރުވި ކަމަށާއި ފަހުން އޭނާ ހުރީ ވަރުބަލިވެފައި ކަމަށެވެ.
"ދެން އެންމެން ވެސް އޭނާގެ ކުޅުމަށް ފާޑުކިޔަން ފެށި،" ކްލޮޕް ބުންޏެވެ.
ގޯލުތަކުގެ އިތުރުން ވެސް ނޫނޭޒް ވަނީ ސިޓީގެ ޑިފެންސަށް ނުރައްކާ ކޮށްފަ އެވެ. އޭނާ އަށް ފުރަތަމަ ލިބުނު ފުރުސަތުގައި ސިޓީގެ ގޯލްކީޕަރު އެޑަސަން އަށް ޕްރެޝަރު ކުރި އިރު، އެ ބޯޅައިގައި އޭނާ އޮފްސައިޑު ނުވި ނަމަ ޕެނަލްޓީއެއް ލިބުމުގެ ފުރުސަތު ވެސް އޮތެވެ. އަދި ފަހުން އޭނާ ފޮނުވާލި ހަމަލާއެއް ދިފާއުކުރީ ބެސް އެޑަސަން އެވެ.
"އޭނާ ތިންވަނަ ލަނޑު ނުޖެހި ނަމަވެސް އެއްވެސް ޝަކުވާއެއް ނޯންނާނެ. ޕެނަލްޓީ ހޯދައިދިނީ ވެސް އޭނާ ވިއްޔާ،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ ނޫނޭޒް ޓީމާ އެކު ހޭދަކުރި މަދު ދުވަސްކޮޅާ އެކު ވެސް ރަސްމީ ފުރަތަމަ މެޗުގައި ގޯލެއް ޖެހުމުން އާ ސީޒަނުގައި ކާމިޔާބީ ހޯދަން އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.
އިނގިރޭސި ސީޒަން ހުޅުވަން ލިވަޕޫލުން ޝީލްޑް މެޗު ކުޅެފައި މިވަނީ އެޓީމުގެ ޕްރީ ސީޒަން މެޗުތައް ނިމުމުގެ ކުރިންނެވެ. ކްލޮޕް ވަނީ މެޗުގެ ކުރިން އެކަމާ ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ. ލީގުގެ ފުރަތަމަ މެޗުގައި އަންނަ ހަފްތާ ބަންދުގައި ފުލަމްއާ ދެކޮޅަށް ކުޅުމުގެ ކުރިން، ޕްރީ ސީޒަންގެ ފަހު މެޗުގައި މިރޭ ލިވަޕޫލުން އަމިއްލަ ދަނޑުުގައި، ފްރާންސްގެ ސްޓްރާސްބޯގާ ދެކޮޅަށް ކުޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy