މެންޗެސްޓާ (އޮގަސްޓް 3) - އާދިއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި އެކުވެރިކަމުގެ މެޗު ނިމުމުގެ ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑުން ނުކުތް ނުކުތުން ބަލައި ނުގަނެވޭ ކަމަށް ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.

"އަހަރެންނަށް އެކަން ބަލައެއް ނުގަނެވޭނެ. އެކަން އެއްވެސް މީހަކަށް ބަލައެއް ނުގަނެވޭ. އަހަރެމެންނަކީ ޓީމެއް. ސްކޮޑެއް. މެޗު ނިމެންދެން އަހަރެމެން ތިބެންވާނީ އެކުގައި،" ޓެން ހަގް ބުންޏެވެ.

އެއީ ޕްރީ ސީޒަނުގައި ރޮނާލްޑޯ ޔުނައިޓެޑަށް ކުޅެދިން ފުރަތަމަ މެޗެވެ. ކްލަބް ބަދަލުކުރަން ބޭނުން ކަމަށް ބުނެ ރޮނާލްޑޯ މިދިޔަ ހަފުތާއާ ހަމަޔަށް ހުރީ ޕްރެކްޓިހަށް ނުނުކުމެ އެވެ. ރޮނާލްޑޯ ސްޓޭޑިއަމުން ނުކުމެގެން ދިޔައީ އޭނާ ފުރަތަމަ ހާފަށް ފަހު ބަދަލުކުރުމުންނެވެ.

ރޮނާލްޑޯ އާއެކު އެ ޓީމަށް ކުޅޭ ޕޯޗުގަލްގެ ފުލްބެކް ޑިއޯގޯ ޑަލޮޓް ވެސް ސްޓޭޑިއަމް ދޫކޮށް ދާ މަންޒަރު އެ ފޮޓޯތަކުން ފެނެ އެވެ. ނަމަވެސް އެ މެޗަށް ނެގި ސްކޮޑުގައި ޑަލޮޓް ނުހިމެނެ އެވެ. އޭނާ ވަނީ އޭގެ އެއް ދުވަސް ކުރިން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓެން ހަގް ވަނީ އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރެއިން، އެ ރޭގެ މެޗަށް ނެގި ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިން ވެސް އޯލްޑް ޓްރެފޯޑުގައި މެޗު ބަލަން ތިބެން ބުނެފަ އެވެ.

ރޮނާލްޑޯ ކްލަބް ދޫކޮށްލަން ބޭނުންވީ އެ ޓީމު ޗެމްޕިއަންސް ލީގުގައި ވާދަނުކުރާތީވެ އެވެ. ނަމަވެސް އޭނާ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ޓެން ހަގް ވަނީ ބުނެފަ އެވެ. ރޮނާލްޑޯ ގަންނަން ޔުނައިޓެޑަށް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.