ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕުގެ ސުޕަ 12 ޓީމުގެ ބުރުގެ ގްރޫޕް އޭ ގައި އިއްޔެ ނިއު ޒީލެންޑް އަތުން 20 ލަނޑުން އިންގްލެންޑް މޮޅުވިއިރު އަފްގާނިސްތާން އަތުން ހަ ވިކެޓުން ސްރީ ލަންކާ މޮޅުވެއްޖެ އެވެ.
ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމު ސެމީ ފައިނަލަށް ހޮވޭ އުސޫލުން ކުޅޭ މި ބުރުގައި، ނިއު ޒީލެންޑާއި އިންގްލެންޑާއި އޮސްޓްރޭލިއާ، ކޮންމެ ޓީމެއް ވަނީ ފަސް ޕޮއިންޓް ހޯދައިފަ އެވެ. އެކަމަކު ރަން ރޭޓުން އެއް ވަނައިގައި އޮތީ ނިއު ޒީލެންޑެވެ. އިންގްލެންޑް އޮތީ ދެ ވަނައިގަ އެވެ. އަދި އޮސްޓްރޭލިއާ އޮތީ ތިން ވަނައިގަ އެވެ.
ލަންކާ އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕްގެ ހަތަރު ވަނައިގަ އެވެ. އަދި އަޔަލެންޑް އޮތީ ތިން ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ދެ ޕޮއިންޓާ އެކު ފުލުގައި އޮތް އަފްގާނިސްތާން ވަނީ ކަޓައިފަ އެވެ.
ދެން އޮތީ ކޮންމެ ޓީމަކަށް ބާކީ އެންމެ މެޗެކެވެ. ހުކުރު ދުވަހު ނިއު ޒީލެންޑުން އަޔަލެންޑާ ދެކޮޅަށް ކުޅޭއިރު އޮސްޓްރޭލިއާ ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ހޮނިހިރު ދުވަހު އިންގްލެންޑް ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.
އިއްޔެ ބްރިސްބޭންގައި ނިއު ޒީލެންޑާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އެ ޓީމުން ގަސްދުކުރީ ކުޅެން އަރާށެވެ. އެ ޓީމުން 20 އޯވަރުގެ ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން 179 ލަނޑު ހެދި އެވެ. ނިއު ޒީލެންޑަށް 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން ދެވުނީ 159 ލަނޑެވެ.
މި މެޗުގައި އިންގްލެންޑުން އެންމެ މޮޅަށް ކުޅުނީ 47 ބޯޅައިން 73 ލަނޑު ހެދި ޖޮސް ބަޓްލާ އެވެ. އަދި ނިއު ޒީލެންޑުން އެންމެ މޮޅަށް ކުޅުނީ 36 ބޯޅައިން 62 ލަނޑު ހެދި ގްލެން ފިލިޕްސް އެވެ.
އިއްޔެ އަފްގާނިސްތާނާއި ލަންކާ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން އަފްގާނިސްތާނުން ނިންމީ ކުޅެން އަރާށެވެ. އެ ޓީމަށް 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 144 ލަނޑެވެ. ޖަވާބުގައި ލަންކާ އަރައި 18.3 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 148 ލަނޑު ހަދައި މޮޅުވެގެން ފޭބި އެވެ.
މި މެޗުގައި އަފްގާނިސްތާނުން އެންމެ މޮޅަށް ކުޅުނީ 24 ބޯޅައިން 28 ލަނޑު ހެދި ރަހްމާނުﷲ ގުރްބާޒް އެވެ. ލަންކާގެ މޮޅު ކުޅުމެއް ދެއްކީ 42 ބޯޅައިން 66 ލަނޑު ހެދި ދަނަންޖަޔާ ޑި ސިލްވާ އެވެ.
ސުޕަ 12 ޓީމުގެ ބުރުގެ ގްރޫޕް ދޭއްގައި ކޮންމެ ޓީމެއް ތިން މެޗު ކުޅެފައިވާއިރު އެއް ވަނައިގައި ފަސް ޕޮއިންޓާ އެކު އޮތީ ދެކުނު އެފްރިކާ އެވެ. އިންޑިއާ އާއި ބަންގްލަދޭޝަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ރަން ރޭޓުން ދެ ވަނަ ލިބެނީ އިންޑިއާ އަށެވެ. ޒިމްބާބްވޭ ތިން ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތްއިރު ޕާކިސްތާން އޮތީ ދެ ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އަދި ފުލުގައި ޕޮއިންޓެއް ނުލިބި އޮތް ނެދަލެންޑްސް ވަނީ ކަޓައިފަ އެވެ.