އިންޑިއާ އާއި ލަންކާގައި މިހާރު ކުރިއަށްދާ ޓީ ޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ބޮއިކޮޓް ކުރަން ނިންމުމަށް ފަހު ޕާކިސްތާނުން ވިސްނުން ބަދަލުކޮށް މެޗު ކުޅެން ނިންމައިފި އެވެ. 

ޕާކިސްތާނާއި އިންޑިއާގެ މެޗު އަންނަ ހޮނިހިރު ދުވަހު ކުޅޭނީ  ލަންކާގަ އެވެ. 

ޕާކިސްތާނުގެ ވިސްނުން ބަދަލު ކުރީ އެ ގައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި ޝްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަޔަނަކައާ ދެމެދު ފޯނު މެދުވެރިކޮށް ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އެވެ. އެ މަޝްވަރާތަކަށް ޝެހެބާޒް ވަނީ، އިންޑިއާ އާ އެކު މެޗު ކުޅެން ޕާކިސްތާނުގެ ކްރިކެޓް ބޯޑަށް އަންގައިފަ އެވެ. 

ޝެހެބާޒާއި އަނޫރާގެ މަޝްވަރާތަކުގެ ކުރިން ލަންކާގެ ކްރިކެޓް ބޯޑާއި ޕާކިސްތާނުގެ ކްރިކެޓް ބޯޑާ ދެމެދު ވެސް މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ އެވެ. 

"ދެ ގައުމުގެ ވެރިންގެ ފެންވަރުގައި ކުރި މަޝްވަރާތަކުން ހާސިލްކުރެވުނު ނަތީޖާތަކުގެ އިތުރުން އެކުވެރި ގައުމުތަކުގެ އެދުމުގެ މަތިން، ފެބްރުއަރީ 15، 2026 ގައި ކުޅޭ މެޗަށް ދަނޑަށް ނުކުތުމަށް ޕާކިސްތާން ސަރުކާރުން ވަނީ ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމަށް އަންގާފައި،" ޕާކިސްތާނުގެ ސަރުކާރުގެ އޮފިޝަލަކު އެކްސްގައި ކުރި ޕޯސްޓްގައި ވެއެވެ. 

"މީގެ އިތުރުން މި ނިންމުމަކީ ކްރިކެޓްގެ ރޫހު ހިމާޔަތް ކުރުމުގެ މަގުސަދުގައި، އަދި ބައިވެރިވާ ހުރިހާ ގައުމުތަކެއްގައި މި ދުނިޔޭގެ ކުޅިވަރު ކުރިއަށް ގެންދިއުމަށް ތާއީދު ކުރުމުގެ މަގުސަދުގައި ނިންމާފައިވާ ނިންމުމެއް."

ޕާކިސްތާނުގެ ނިންމުން ބަދަލު ކުރެވޭތޯ އައިސީސީގެ އޮފިޝަލުން ވަނީ ޕާކިސްތާނަށް ދަތުރުކޮށް ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް އެ ގައުމުގެ ކްރިކެޓް ބޯޑާ އެކު މަޝްވަރާތަކެއް ކޮށްފަ އެވެ. 

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ސިޔާސީ އަރައިރުންތަކުގެ އަސަރު ދެ ގައުމުގައި އެންމެ މަގުބޫލު ކުޅިވަރަށް ވެސް ކުރެ އެވެ. މިދިޔަ އަހަރު ބޭއްވި އޭޝިއާ ކަޕްގެ ތަށި ޕާކިސްތާނުގެ މިނިސްޓަރު އަތުން ލިބިގަތުމަށް އިންޑިއާއިން ދެކޮޅު ވެސް ހެދި އެވެ. އަދި އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރަން މިހާރު ވެސް ދެކޮޅު ހަދަ އެވެ. 

އިންޑިއާއިން އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުގައި އެ ގައުމުން، ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ވެސް ހޯސްޓް ކުރަން ޖެހުނީ ލަންކާގަ އެވެ. މިދިޔަ އަހަރު އޭޝިއާ ކަޕް ބޭއްވީ ޕާކިސްތާނުގަ އެވެ. އެކަމަކު އިންޑިއާގެ މެޗުތައް ކުޅެން ޖެހުނީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގަ އެވެ.