ބާސާ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތް: ރަކިޓިޗް

ބާސެލޯނާ (ޖެނުއަރީ 20) – ބޭނުންވަނީ ބާސެލޯނާގައި މަޑުކޮށް އެ ކްލަބާ އެކު ގިނަ ދުވަސްތަކެއް ހޭދަކުރަން ކަމަށް، މެންޗެސްޓާ ސިޓީގެ ޓާގެޓް އިވާން ރަކިޓިޗް ބުނެފި އެވެ.


ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭއާ ހިތްހަމަނުޖެހުންތަކެއް އުޅޭތީ ކްލަބް ބަދަލުކުރަން ރަކިޓިޗް ހުރީ ބޭނުންވެފަ އެވެ. އަދި ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ކޯޗުކޮށްދޭ ސިޓީ އަށް އޭނާ ބަދަލުވާނެ ކަމަށް ވެސް ސްޕެއިނުގެ ނޫސްތަކުން ބުނެ އެވެ. އެކަމަކު ރަކިޓިޗް ވަނީ އެ ވާހަކަތަކަށް ނިމުމެއް ގެނެސްފަ އެވެ.

"އަހަރެން ބޭނުން ކްލަބާ އެކު މަޝްވަރާކުރަން ފަށަން ސަބަބަކީ ކޮންޓްރެކްޓް އާކޮށް މި ކްލަބުގައި ވީހާ ވެސް ގިނަ ދުވަހަކު މަޑުކުރަން ބޭނުންވާތީ،" ރަކިޓިޗް ބުންޏެވެ.

ރަކިޓިޗް ބުނީ ފުރުސަތު ނުލިބެންޏާ އެއްވެސް ކުޅުންތެރިޔަކު ހިތްހަމަނުޖެހޭ ކަމަށާއި އޭނާ އަށް އޮންނަނީ ބުރަކޮށް މަސައްކަތްކޮށް ޓީމަށް އަރާ ފެންވަރު ހުރިކަން ސާބިތުކޮށްދިނުން ކަމަށެވެ. އޭނާގެ މި ވާހަކަތަކުން ދޭހަވީ ފުރުސަތު ނުލިބޭތީ ކޯޗާ ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ޖެހުނު ކަމެވެ.

"ސްކޮޑުގައި 20 ކުޅުންތެރިން އެބަތިބި. އެންމެން ވެސް ކުޅެން ބޭނުންވާނެ. ކޯޗަށް ވެސް އެނގޭނެ އަހަރެން ހުރިހާ މެޗެއް ކުޅެން ބޭނުންވާކަން. އެކަމުގައި އޮތީ މަސައްކަތްކުރުން. އަދި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފުން. އަހަރެން މިހިރީ ހަމަޖެހިގެން ސަބަބަކީ އަހަންނަކީ މަސައްކަތްކުރާ މީހަކަށް ވާތީ،" އުމުރުން 28 އަހަރުގެ ރަކިޓިޗް ބުންޏެެވެ.

ފަހަކަށް އައިސް ބާސެލޯނާގެ ނަތީޖާތައް ދަށްވުމުގައި މެދުތެރޭގެ ކުޅުން ދަށްވުން ހިމެނޭ ކަމަށް ބުނެ ރަކިޓިޗަށް ވެސް ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ކުރިން ޖަރުމަން ލީގުގެ ޝާލްކާ އާއި ސްޕެއިނުގެ ސެވިއްޔާ އަށް ކުޅުނު ރަކިޓިޗް ބާސެލޯނާއާ ގުޅުނީ 2014 ވަނަ އަހަރެވެ. އޭނާ ވަނީ 2007 އިން ފެށިގެން ކްރޮއޭޝިއާ ގައުމީ ޓީމަށް 81 މެޗު ކުޅެދީފަ އެވެ.