ބާސެލޯނާ (ނޮވެމްބަރު 13) – ކުޅެން ފުރުސަތު ނުލިބޭތީ ދެރަވާ ކަމަށް ބުނެ ޖެނުއަރީ މަހު ކްލަބް ދޫކޮށްލަފާނެ ކަމުގެ އިޝާރަތެއް ބާސެލޯނާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ދީފި އެވެ.

އުމުރުން 31 އަހަރުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ބުނީ އޭނާ އަށް ހިތްހަމަޖެހުން ލިބެނީ ފުޓްބޯޅަ ކުޅެގެން ކަމަށާއި އެ ފުރުސަތު ނުލިބުމުން ކުރެވެނީ، އޭނާގެ ދަރިފުޅު އަތުން ކުޅޭ އެއްޗެއް އަތުލުން ދަރިފުޅަށް ކުރެވޭނެ އިހުސާސް ކަމަށެވެ.

"ބާސެލޯނާ އިން އަހަރެން އަތުން ބޯޅަ އަތުލައިފި. އެކަމާ އަހަރެން މިހިރީ ދެރަވެފައި. އަހަންނަށް ކޯޗުގެ ނިންމުންތައް އެނގޭ އަދި އެ ނިންމުންތަކަށް އިހުތިރާމް ވެސް ކުރަން. އެކަމަކު މިދިޔަ ފަސް އަހަރު އަހަރެން ކްލަބަށް ވަރަށް ބޮޑަށް ހިދުމަތްކުރިން،" ކްރޮއޭޝިއާ ގައުމީ ޓީމަށް 106 މެޗު ކުޅެދީފައިވާ ރަކިޓިޗް ބުންޏެވެ.

"އަހަރެން ބޭނުންވަނީ ހިތްހަމަޖެހުން. އެއީ އަހަންނަށް އެންމެ މުހިއްމު ކަމަކީ. އަހަންނަށް ހިތްހަމަޖެހުން ލިބޭނީ ހަމައެކަނި ކުޅެގެން. އަހަރެންގެ އުމުރަކީ 38 އަހަރެއް ނޫން، 31 އަހަރު. އިހުސާސްކުރެވެނީ މިއީ އެންމެ މުހިއްމު އަހަރުތަކުގެ ގޮތުގައި."

ރަކިޓިޗް ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރަނީ އިޓާލިއަން ލީގުގެ ކްލަބްތަކުންނެވެ. އޭގެ ތެރޭގައި ޗެމްޕިއަން ޔުވެންޓަސް އާއި އިންޓަ މިލާން އަދި އޭސީ މިލާން ހިމެނެ އެވެ.