28 އެޕްރީލް 2025 - 14:56
ޓޮރިނޯ އަތުން 2-0 އިން މޮޅުވެ ނަޕޯލީ އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުން، އެ ކްލަބުގެ ވެރިޔާ އޯރެލިއޯ ޑި ލޯރެންޓިސް ރާއްޖޭގައި ހުންނަވައިގެން ފާހަގަކުރައްވައިފި އެވެ.
ކުރިން އެއް ވަނައިގައި އޮތް އިންޓަ މިލާން އިއްޔެ ހަވީރު ރޯމާ އަތުން 1-0 އިން ބަލިވުމުގެ ފައިދާ ނަގައި ނަޕޯލީ އެއް ވަނައިގައި އޮތީ 74 ޕޮއިންޓާ އެކު އެވެ. އިންޓަ ދެ ވަަނައިގައި އޮތީ 71 ޕޮއިންޓާ އެކު އެވެ.
ލީގުގައި ބާކީ ހަތަރު މެޗު އޮއްވާ ނަޕޯލީ މި ނެގި ލީޑާ އެކު، އެ ޓީމަށް ވަނީ ތިން ސީޒަނުގެ ތެރޭ ދެ ވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ވަރަށް ބޮޑުވެފަ އެވެ.
މި މުހިއްމު މެޗު ކުޅުނުއިރު ނޭޕްލްސްގެ ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމުގައި ޑި ލޯރެންޓިސް ވަޑައިގެން ނެތުމުން ގިނަ ބަޔަކު އެކަން ފާހަގަކުރި އެވެ. އޭނާ ރާއްޖޭގައި ހުންނެވިކަން މީހުންނަށް އެނގުނީ މެޗުގެ ކޮމެންޓޭޓަރު އެކަން ފާހަގަކުރުމުންނާއި، އިޓަލީގެ ބައެއް ނޫސްތަކުން އެ ވާހަކަ ރިޕޯޓްކުރުމުންނެވެ.
ރާއްޖޭގައި ހުންނަވައިގެން ރޭ ކުރެއްވި ޓްވީޓެއްގައި ޑި ލޯރެންޓިސް ވަނީ ނަޕޯލީ ކުޅުންތެރިން ހޯދި ނަތީޖާ އަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވަނީ ބާކީ ހަތަރު މެޗުގައި ވެސް ހިތްވަރު ދައްކައި، އެކަމަކު ހަމަޖެހިލައިގެން ކުޅުމަށް އެ ޓްވީޓުގައި އިރުޝާދު ދެއްވައިފަ އެވެ.
ބެލެވޭ ގޮތުގައި އިޓަލީގެ އެންމެ މަޝްހޫރު އެއް ފިލްމް ޕްރޮޑިއުސަރު ރާއްޖެ މި ވަޑައިގެންނެވީ އުފަން ދުވަސް ފާހަގަކުރައްވާށެވެ. އޭނާގެ އުފަން ދުވަސް އަންނަ މަހު އަޔަސް، އޭގެ ކުރިން މި ވަޑައިގެންނެވީ އެ ދުވަސްވަރާ، ލީގުގެ ފަހު މެޗުތަކާ ދިމާވާތީ ކަމަށް ލަފާކުރެވެ އެވެ.
އެކަމަކު އިޓަލީގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ޑި ލޯރެންޓިސް ރާއްޖެ މި ވަޑައިގެންނެވީ މުހިއްމު ދުވަސްކޮޅު ޓީމަށް ޕްރެޝަރު ނުދެއްވައި ދުރުގައި ހުންނަވަން ކަމަށެވެ. ދާދި ފަހުން ވެސް އޭނާއާ، ކޯޗު އެންޓޯނިއޯ ކޮންޓޭއާ ވަނީ ދެބަސްވުމެއް ހިނގައިފަ އެވެ.
ލީގުގެ ފޭވަރިޓުން ކަމަށްވާ އިންޓަ ރޭ ރޯމާ އަތުން ބަލިވުމުން ލީގު ކާމިޔާބުކުރުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފަ އެވެ. އެ ޓީމަށް މިއީ ހިތްދަތި ހަފުތާއެކެވެ. މިދިޔަ ބުދަ ދުވަހުގެރޭ އިންޓަ ވަނީ އިޓާލިއަން ކަޕުގެ ސެމީ ފައިނަލުން ވާދަވެރި އޭސީ މިލާން އަތުން 3-0 އިން ބަލިވެފަ އެވެ. އެ ޓީމު މިހާރު ތައްޔާރުވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މި ހަފުތާގައި ބާސެލޯނާއާ ވާދަކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy