ލަންޑަން (މާޗު 5) - އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ޕޯޓް ވޭލް 7-0 އިން ބަލިކޮށް ޗެލްސީން މުބާރާތުގައި 100 އަހަރުވީ ރެކޯޑެއް މުގުރާލައިފި އެވެ.

ފުރަތަމަ ހާފުގައި ޖޮރެލް ހަޓޯ އާއި ޔާއޯޕެޑްރޯގެ އިތުރުން އިދިކޮޅު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކާ އެކު ޗެލްސީ ނިންމާލީ ތިން ގޯލުގެ ލީޑަކާ އެކު އެވެ. ދެވަނަ ހާފުގައި ޗެލްސީގެ ލަނޑުތައް ޖަހައިދިނީ ޓޮސިން އަޑަރަބަޔޯ އާއި އަންޑްރޭ ސަންޓޯސް އަދި އެސްޓަވާއޯގެ އިތުރުން އަލެހަންދްރޯ ގާނާޗޯ އެވެ.

މި މެޗުގެ ކުރިން ޗެލްސީ ވަނީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފަ އެވެ. އެއީ ލީގު ދެ މެޗާއި ޗެމްޕިއަންސް ލީގު ދެ މެޗުންނެވެ. ނަމަވެސް އެފްއޭ ކަޕްގައި ޗެލްސީ މި ވަނީ ދުވަސްވީ ރެކޯޑެއް މުގުރާޅައިފަ އެވެ.

އެފްއޭ ކަޕްގައި ޗެލްސީ މި ސީޒަންގައި މިހާތަނަށް ދަށް ޑިވިޝަންތަކުގެ ޓީމުތަކާ ވާދަ ކުރި ނަމަވެސް މިހާތަނަށް ކުޅުނު ހަތަރު މެޗުން ޖުމްލަ 20 ގޯލު ޖަހައިފަ އެވެ. މިއީން ކޮންމެ މެޗެއްގައި ވެސް ވަނީ މަދުވެގެން ހަތަރު ގޯލު ޖަހައިފަ އެވެ.

މީގެ ކުރިން އެފްއޭ ކަޕްގައި ޖެހިޖެހިގެން ހަތަރު މެޗުން މަދުވެގެން ހަތަރު ގޯލު ޖެހި ކަމަށް ރެކޯޑް ކުރެވިފައި ވަނީ 1926 ގައި މެންޗެސްޓާ ސިޓީ އެވެ. އެ ސީޒަންގައި ސިޓީ ނިންމާލީ މުބާރާތުގެ ރަނަރަޕްގެ ގޮތުގަ އެވެ.

ސެމީ ފައިނަލްގައި ޗެލްސީ އާއި ސިޓީ ވެސް ވާދަ ކުރަން ޖެހިދާނެ އެވެ.

ސެމީ ފައިނަލްގެ ގުރު ނެގުން އޮންނާނީ ކުއާޓާގެ ފަހު މެޗުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ކުޅޭ މެޗުގެ ކުރިންނެވެ.