އަންނަ މަހު ފަށާ ވޯލްޑް ކަޕަށް އެމެރިކާގެ އެތެރޭގައި ސަޕޯޓަރުން ކުރާ ދަތުރުތަކުގެ ހަރަދު ކުޑަކުރުމަށްޓަކައި، އެ ގައުމުގެ މަޝްހޫރު ސްކޫލް ބަސްތައް ބޭނުންކުރަން ނިންމައިފި އެވެ.
އެމެރިކާގައި ސަޕޯޓަރުން ދަތުރުކުރަން ސްކޫލް ބަސްތަށް ދެނީ

އަންނަ މަހުގެ 11 ވަނަ ދުވަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މި މުބާރާތުގެ އެންމެ ގިނަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގަ އެވެ. އެ ގައުމުގެ ސްޓޭޑިއަމްތަކަށް ދިއުމަށް ކުރަންޖެހޭ އެއްގަމު ދަތުރުތަކުގެ އަގު ބޮޑުވުމާ ގުޅިގެން، ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ސަޕޯޓަރުންގެ ދަތުރުފަތުރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ނިއުޔޯކްގެ މަޝްހޫރު "ރީނދޫ ސްކޫލް ބަސްތައް" ދަތުރުތަކަށް ނެރެން މިހާރު ވަނީ ނިންމައިފަ އެވެ.

އެ ބަސްތަކުގައި ސަޕޯޓަރުން ކުރާ ދަތުރުތަކުގެ އަގު ކުރިން ނިންމާފައި އޮތް އަގަށްވުރެ 75 ޕަސަންޓު ހެޔޮވާނެ އެވެ.

އެ ބަދަލާ އެކު، މީގެ ކުރިން 80 ޑޮލަރަށް ވިއްކަން ނިންމި ބަސް ޓިކެޓެއްގެ އަގު މިހާރު ވަނީ 20 ޑޮލަރަށް ތިރިކޮށްފަ އެވެ.

ވޯލްޑް ކަޕް ފައިނަލް މެޗު ހިމެނޭހެން، ސްކޫލް ބަންދު ދުވަސްތަކުގައި 18,000 ބަސް ސީޓު ސަޕޯޓަރުންނަށް ލިބޭނެ ކަމަށް އެމެރިކާގެ ހޯސްޓް ކޮމިޓީން ބުނެ އެވެ. އަދި މިހާރު 80 ޑޮލަރަށް ޓިކެޓް ގަނެފައިވާ ފަރާތްތަކަށް، އިތުރަށް ދެއްކި 60 ޑޮލަރު ރިފަންޑްގެ ގޮތުގައި އަނބުރާ ދޭން ވެސް ވަނީ ނިންމައިފަ އެވެ.

ނިއުޔޯކްގެ ގަވަރުނަރު ކެތީ ހޯކުލް ވިދާޅުވީ، އޭނާ އަބަދުވެސް ބަލަނީ ނިއުޔޯކްގައި އާންމުންނަށް ހަރަދުތައް ކުޑަކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ކަމަށެވެ.

"އަހަރެން އަބަދުވެސް ބަލަނީ ނިއުޔޯކްގެ ރައްޔިތުންނަށް ދިރިއުޅުމުގެ ހަރަދުތައް ކުޑަކޮށްދެވޭނެ ގޮތަކަށް. ބަސް ދަތުރަކަށް 80 ޑޮލަރަކީ މާ ބޮޑު އަދަދެއް. ބައްޕައަކު އޭނާގެ ކުދިން ގޮވައިގެން މެޗު ބަލަންދާނަމަ އެއީ އަތްނުފޯރާވަރުގެ އަގަކަށް ވާނެތީ، ދައުލަތުގެ ފައިސާ ބޭނުންކޮށްގެން އަގު 20 ޑޮލަރަށް މި ތިރިކުރީ،" އޭނާ ވިދާޅުވި އެވެ.

މި މަޝްރޫއަށް ނިއުޔޯކް ސްޓޭޓް ފަންޑުން ހަ މިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. ބަސް ޓިކެޓްތަކުގެ 20 ޕަސަންޓް ހާއްސަކޮށްފައިވަނީ ނިއުޔޯކްގެ ރައްޔިތުންނަށެވެ. 

ބަހުގެ އިތުރުން ރޭލު ދަތުރުތަކުގެ އަގު ވެސް ވަނީ 150 ޑޮލަރުން 98 ޑޮލަރަށް ކުޑަކޮށްފަ އެވެ.