ރިޔާޒް (މެއި 22) - ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އައް ނަސްރާ އެކު، ފުރަތަމަ ފަހަރަށް ސައުދީ ޕްރޯ ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.

އައް ނަސްރު ވަނީ ރޭ ކުޅުނު ލީގުގެ އެންމެ ފަހު މެޗުގައި ދަމަކް އާ ވާދަކޮށް 4-1 އިން މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔާއޯ ފީލިކްސްގެ ކޯނަރަކުން ސަޑިއޯ މާނޭ ލީޑު ނަގައިދިން އިރު، ދެވަނަ ހާފުގައި ލަނޑު ޖަހައިދިނީ ކިންގްސްލީ ކޯމަން އެވެ.

ގިނައިރުތަކެއް ނުވެ، ޕެނަލްޓީއަކުން ދަމަކް އަށް ފަރަގު ކުޑަކޮށްދިނީ މޯލޭ ސީޔާ އެވެ. ނަމަވެސް އޭގެ ފަހުން ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ވަނީ ނަސްރުގެ ތިންވަނަ ލަނޑު ޖަހައިދީފަ އެވެ. އަދި މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ އިތުރު ލަނޑެއް ޖަހައިދިނެވެ.

ޓޮޕް ސްކޯރާ އެވޯޑް ނުލިބުނު ނަމަވެސް އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ މި ސީޒަންގައި ލީގުގައި ނަސްރަށް 28 ގޯލު ޖަހައިދީފަ އެވެ. މިދިޔަ ދެ ސީޒަންގައި ލީގު ޓޮޕް ސްކޯރާ އަކީ ރޮނާލްޑޯ އެވެ.

ރޮނާޅްޑޯ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ރޮނާޅްޑޯ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޭ ޖެހި ދެ ގޯލާ އެކު، ރޮނާލްޑޯ ވަނީ ކެރިއަރުގައި މިހާތަނަށް 973 ގޯލު ހަމަ ކޮށްފަ އެވެ. 

މި މެޗުން މޮޅު ނުވެވުމުން ދަމަކް ވަނީ ރެލިގޭޓް ވެފަ އެވެ. އައް ނަސްރު، 2019 ގެ ފަހުން ފުރަތަމަ ފަހަރަށް ލީގުގެ އެއްވަނަ ހޯދީ މި ސީޒަންގައި ކުޅުނު 34 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ރޭ 1-0 އިން އަލް ފައިހާ ބަލި ކުރި އަލް ހިލާލް ދެވަނައިގައި އޮތީ 84 ޕޮއިންޓާ އެކު އެވެ. މިއީ އެ ޓީމު ސައުދީ ޕްރޯ ލީގު ކާމިޔާބު ކުރި 11 ވަނަ ފަހަރެވެ.

ރޮނާލްޑޯ ވަނީ އައް ނަސްރާ އެކު 2023 ގައި އަރަބް ކްލަބް ޗެމްޕިއަންސް ކަޕް ނަމުގައި ބޭއްވި ޔޫއާރާގެ ރީޖަނަލް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މިއީ ޑިސެމްބަރު 2022 ގައި ނަސްރަށް ބަދަލުވެ ސައުދީ އަރަބިއްޔާގެ ޑޮމެސްޓިކް މުބާރާތެއް ރޮނާލްޑޯ ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ނަސްރު ވަނީ ރޮނާލްޑޯއާ އެކު، ގިނަ ފައިނަލްތަކެއްގައި ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި ސައުދީ ކިންގްސް ކަޕާއި ސައުދީ ސުޕަ ކަޕް ފައިނަލްގެ އިތުރުން، މި ސީޒަންގައި ކުޅުނު އޭއެފްސީ ޗެމްޕިއަންސް ލީގު 2ގެ ފައިނަލް ހިމެނެ އެވެ.

ރޮނާލްޑޯ ގެނައުމަށް ފަހު، އައް ނަސްރުން އެކި ފަހަރު މަތިން ކޯޗުން ބަދަލު ކުރަމުން އައިސް އޭނާއާ އެކު، ސައުދީގައި ފުރަތަމަ ތައްޓެއް ކާމިޔާބު ކޮށްފައި ވަނީ ކުރިން ބެންފީކާ އާއި އަލް ހިލާލަށް ވެސް ކޯޗު ކޮށްދިން ޕޯޗުގަލްގެ ޖޯޖް ޖީސަސް އެވެ.