އަށާވީސް އަހަރުގެ ބޮޑު މެދުކެނޑުމަކަށް ފަހު ވޯލްޑް ކަޕްގައި ވާދަކުރާ ނޯވޭގެ ސްކޮޑް އެ ގައުމުގެ ރަސްގެފާނު ހަރާލްޑް ފަސްވަނަ އިއުލާން ކުރައްވައިފި އެވެ.
ނޯވޭއިން އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނީ ފްރާންސްގައި 1998 ގައި ބޭއްވި މުބާރާތުގަ އެވެ. މިދިޔަ 28 އަހަރު ވޯލްޑް ކަޕަށް ކޮލިފައިވުމަށް އެ ޓީމުން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
މީގެ ކުރިން އެ ގައުމުގައި ނެތް ވަރުގެ ވަރުގަދަ ތަރިން، މިހާރު އެ ގައުމުގައި އެބަތިއްބެވެ. އެ ކުޅުންތެރިންގެ ހިއްސާއާ އެކު ނޯވޭ ވޯލްޑް ކަޕަށް ކޮލިފައިވީ މަޝްހޫރު އިޓަލީ ކަޓުވާލުމަށް ފަހު އެވެ.
އުމުރުން 89 އަހަރުގެ ރަސްގެފާނު ހަރާލްޑް އިއުލާން ކުރެއްވި ސްކޮޑްގައި އެންމެ މަޝްހޫރު ކުޅުންތެރިންނަކީ ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލް ކެޕްޓަން މާޓިން އޮޑެގާޑާއި އެ ލީގުގެ ރަނަރަފް މެންޗެސްޓާ ސިޓީގެ އާލިންގް ހާލަންޑެވެ.
ރަސްގެފާނު ހަރާލްޑް ނޯވޭގެ ރަސްކަމަށް ކޮލިލެވުނީ ޖެނަުއަރީ 1991 ގަ އެވެ. އެއީ އޭރު ރަސްކަމުގައި ހުންނެވި އޭނާގެ ބައްޕަ އޮލަވް ފަސްވަނަ އަވާހަރަވުމުން، ރަސްކަން ވާރުތަވެވަޑައިގަތީ ހަރާލްޑް އެވެ.
ނޯވެގެ ގައުމީ ކޯޗު ސްޓާލޭ ސޮލްބާކެން އެކުލަވާލި ސްކޮޑުގެ ހަތް ކުޅުންތެރިޔަކީ އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ސްކޮޑުގައި ހިމެނޭ ތިން ސްޓްރައިކަރުންގެ ތެރެއިން ދެވަނަ ކުޅުންތެރިއަކީ ކްރިސްޓަލް ޕެލަސްގެ ޔާގަން ސްޓްރޭންޑް ލާސަން އެވެ. އޭގެ އިތުރުން ފުލަމްގެ ދެ ކުޅުންތެރިން ކަމަށްވާ އޮސްކާ ބޮބް އާއި ސަންޑާ ބާގް އަދި ބްރެންޓްފޯޑްގެ ކްރިސްޓޮފާ އަޔާ އާއި ވޮލްވްސްގެ ކަނާތު ބެކް ޑޭވިޑް މޮލާ ވުލްފް ވެސް ހިމެނެ އެވެ.
ކުރިއަށް ކުޅޭ ތިން ކުޅުންތެރިންގެ ތެރެއިން ބާކީ އޮތް ޖާގަ ފުރާނީ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އަލެކްސެންޑާ ސޯލޮތު އެވެ. އޭނާ ވަނީ މި ސީޒަނުގައި ލަލީގާއި މޮޅު ކުޅުމެއް ދައްކައި 13 ލަނޑު ޖަހާފަ އެވެ. އާރްބީ ލައިޕްޒިގްގެ މިޑްފީލްޑަރު އެންޓޯނިއޯ ނޫސާ އަށް ވެސް ވަނީ މި ސްކޮޑުން ޖާގަ ލިބިފަ އެވެ.
"މި (ކުޅުންތެރިންގެ) ގުރޫޕް ދަނޑުމަތީގަޔާއި ދަނޑުން ބޭރުގައި ވެސް އެކުގައި ވަރަށް ރަނގަޅު. އެހެންކަމުން ފުޓްބޯޅައަކީ އަބަދުވެސް އާ ކަންތައްތަކެއް ފެންނަ އެއްޗަކަށް ވުމާ އެކު، އެކަން އަހަރެމެން ހަނދާނުގައި ބަހައްޓަންޖެހޭނެ. އެކަމަކު އަހަރެން ގަބޫލުކުރަނީ އަހަރެމެންނަށް މިހާރު މި އާދެވުނީ ކުރިއަށް އޮތްތަނުގައި ވަރަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ފަދަ މިސްރާބަކަށް ކަމަށް،" ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ވެބްސައިޓުގައި މެނޭޖަރު ސޮލްބާކެން ލިޔެފައިވެ އެވެ.
"މި ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިންނާ އެކު ވެސް ކުރިއަށް ދެވުނީސް، މިކަމުގައި އޮތް އެންމެ ދެރަ ކަމަކީވެސް އެއީ. އެއީ ކޮންމެވެސް ބަޔަކަށް މާޔޫސްކަން ކުރިމަތިވާން ޖެހުނު ސަބަަބު."
ސްކޮޑުން ފުރުސަތު ނުލިބުނު އެންމެ މަޝްހޫރު ކުޅުންތެރިޔަކީ އެ ގައުމުގެ 21 އަހަރުންދަށުގެ ޓީމުގެ ކުރީގެ ކެޕްޓަން އައިވިންޑް ހެލަންޑެވެ. ޖެނުއަރީ މަހު ބޮލޯނިއާ އަށް ބަދަލުވި ޑިފެންޑަރަށް އެ ކްލަބްގައި ކުޅެން ލިބުނީ އެންމެ ހަ މެޗުގަ އެވެ.
ވޯލްޑް ކަޕްގައި ނޯވޭ ލައްވާލީ ފްރާންސާއި ސެނެގާލް އަދި އިރާގާ އެކު ގުރޫޕް އައި ގަ އެވެ. ނޯވޭގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 16 ވަނަ ދުވަހު ނުކުންނާނީ އިރާގާ ދެކޮޅަށެވެ.