ވޯލްޑް ކަޕްގައި އިރާން ޓީމުން މެކްސިކޯގައި ކޭމްޕް ކުރަން ނިންމީ އެމެރިކާގައި އެ ޓީމު ބައިތިއްބަން އެ ގައުމުން ބޭނުން ނުވުމުން ކަމަށް މެކްސިކޯގެ ރައީސް ކްލައުޑިއާ ޝީންބައުމް ވިދާޅުވެއްޖެ އެވެ.
ވޯލްޑް ކަޕްގައި އިރާނުގެ ޓީމު ކޭމްޕް ކުރާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ އެމެރިކާގެ އެރިޒޯނާގަ އެވެ. މިދިޔަ ހޮނިހިރު ދުވަހު އިރާން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަހްދީ ތާޖު ވިދާޅުވީ މެކްސިކޯ އާއި އެމެރިކާ ބޯޑަރު ގުޅޭ ސަރަހައްދުގައިވާ މެކްސިކޯގެ ޓިއަވާނާ ސިޓީއަށް ކޭމްޕް ބަދަލު ކުރަން ފީފައިން ހުއްދަ ދީފައިވާ ކަމަށެވެ.
އެމެރިކާގެ ވިސާ ލިބުމުގައި ހުރަސްތައް ކުރިމަތިވެފައިވުމުން، މުބާރާތުގައި އިރާނުގެ ފުރަތަމަ މެޗު ކުޅެންވާއިރަށް ރަސްމީކޮށް ކޭމްޕް ނުކުރެވިދާނެ ކަމުގެ ބިރު އޮތުމުން، އެމެރިކާގެ ބަދަލުގައި މެކްސިކޯގެ އެ ސިޓީގައި ކޭމްޕް ކުރަން އެދުނީ އިރާނުން އަމިއްލަ އަށެވެ.
އެކަމަކު މިއަދު ބޭއްވި ނިއުސް ބްރީފިންގައި މެކްސިކޯގެ ރައީސް ޝީންބައުމް ވިދާޅުވިގޮތުގައި އިރާނުގެ ކޭމްޕް މެކްސިކޯގައި ތިބެން ހުއްދަ ދިނީ، އެމެރިކާގައި އެ ޓީމު ބައިތިއްބަން އެ ގައުމުން ބޭނުން ނުވުމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި އިރާނުގެ ޓީމު މެކްސިކޯގައި ބައިތިއްބަން ހުއްދަ އަށް އެދުނީ ފީފާއިންނެވެ.
"އެމީހުންނަށް މެކްސިކޯގައި ތިބުމުގެ ފުރުސަތު ނުދޭންވީ އެއްވެސް ސަބަބެއް އަހަރެމެންނަކަށް ނެތް،" ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝީންބައުމް ވިދާޅުވި އެވެ.
މި މައްސަލައިގައި ރޮއިޓާސްއިން ބުނީ އެމެރިކާގެ ސަރުކާރުން އެކަމާ ބެހޭގޮތުން އަދި އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.
އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މުބާރާތުގައި އިރާނުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ އެމެރިކާގެ ފަސްގަނޑުގަ އެވެ.
އިރާނުގެ ކުޅުންތެރިންނަށް އެމެރިކާގައި ރައްކާތެރިކަން ކަށަވަރު ނުވާނެ ކަމަށް ބަލައި، އެ ޓީމުގެ މެޗުތައް މެކްސިކޯ އަށް ބަދަލު ކުރުމަށް ވެސް އިރާނުން އެދުނެވެ. އެކަމަކު ފީފާއިން އެ ގޮތަކަށް ހަދައެއް ނުދިނެވެ.
މެކްސިކޯގެ ޓިއަވާނާގައި ތިބެ މެޗު ކުޅެން، އިރާނުން ދާން ޖެހޭނީ އެމެރިކާގެ ސިޓީތަކަށެވެ. މަހްދީ ތާޖް ހޮނިހިރު ދުވަހު ވިދާޅުވީ އެ ސިޓީން އިރާނުގެ މެޗުތައް ކުޅޭ ސިޓީތަކަށް ދާން މަތިންދާބޯޓްގައި ހޭދަވާނީ 50 މިނެޓް ކަމަށެވެ.
ވޯލްޑް ކަޕްގައި އިރާން ލައްވާލީ ބެލްޖިއަމް އާއި ނިއު ޒިލެންޑް އަދި މިސްރާއެކު ގުރޫޕް ޖީ ގަ އެވެ. އިރާނުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ގައި ކުޅޭނީ ނިއު ޒިލެންޑާ ދެކޮޅަށެވެ.
ގުރޫޕް ސްޓޭޖްގައި އިރާނުގެ މެޗުތަކުގެ ތާވަލު އަދި މެޗުތައް ކުޅޭ ސްޓޭިއަމްތަކާއި ސިޓީތައް؛
- ޖޫން 15، 2026: އިރާން އަދި ނިއު ޒިލެންޑް — ލޮސް އެންޖެލެސް ސްޓޭޑިއަމް (ލޮސް އެންޖެލެސް)
- ޖޫން 21، 2026: ބެލްޖިއަމް އަދި އިރާން — ލޮސް އެންޖެލެސް ސްޓޭޑިއަމް (ލޮސް އެންޖެލެސް)
- ޖޫން 26، 2026: މިސްރު އަދި އިރާން — ސިއެޓްލް ސްޓޭޑިއަމް (ސިއެޓްލް)
ވޯލްޑް ކަޕް ފެށެން ތިން ހަފުތާއަށް މުއްދަތު ކުރުވެފައި ވާއިރު ވެސް އިރާނުގެ ޓީމަށް އެމެރިކާގެ ވިސާ ނުލިބެ އެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތަމްރީނުތަކަށް އިރާނުގެ ޓީމު މި ވަގުތު ތިބީ ތުރުކީގަ އެވެ. އެ ގައުމުގައި ތިބެ އެމެރިކާ ވިސާ ހޯދުމުގެ މަސައްކަތްތައް ވެސް އިރާނުގެ ޓީމުން ކުރިއަށް ގެންދެ އެވެ.